ދިވެހި ދައުލަތުގެ ޚަރަދު ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް ކުޑަކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބިލުތަކަށް ފައިސާ ދެއްކުން ފަސްކޮށްގެން ކަމަށް ވޯލްޑް ބޭންކް އިން ބުނެފި އެވެ.

އިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އެކަށީގެންވާ މިންވަރަކަށް ކުރިއަރާފައި އޮތުމުގެ ސަބަބުން އިގްތިސާދު ހިފެހެއްޓިފައި އޮތް ނަމަވެސް، ދައުލަތުގެ ދަރަނި އިތުރުވުމާއި، ބޭރުގެ ފައިނޭންސިންގް އަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތުމާއި، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ކުރިމަގަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ވޯލްޑް ބޭންކުން 11 ޖޫން 2026 ގައި ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނެފައިވަނީ، ސަރުކާރުގެ އާމްދަނީ އިތުރުވެ ބަޖެޓް ޑެފިސިޓް ކުޑަވުމާ ގުޅިގެން 2025 ވަނަ އަހަރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް، އިގްތިސާދުގެ އޮނިގަނޑުގައި ހުރި ހައްސާސް ކަންކަން އަދިވެސް އެ ގޮތުގައި ހުރިކަން ފާހަގަކޮށް، ދައުލަތުގެ ދަރަންޏާއި ބޭރުގެ ފައިނޭންސިންގް ހޯދުމަށް ހުރި ދަތިތަކުގެ ސަބަބުން އިގްތިސާދަށް ބާރުބޮޑުވަމުންދާކަމުގެ އިންޒާރު އެ ބޭންކުން ވަނީ ދީފައެވެ.

ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 9.9 އިންސައްތައިގައި ހުރި ފިސްކަލް ޑެފިސިޓް، 2025 ވަނަ އަހަރު ވަނީ 5.1 ބިލިއަން ރުފިޔާ ނުވަތަ ޖީޑީޕީގެ 4.3 އިންސައްތައަށް ކުޑަވެފައެވެ. ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކާއި ޓެކްސް ނޫން އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެފައިވާއިރު، ކެޕިޓަލް ޚަރަދުތައް ކުޑަކުރުމާ ގުޅިގެން ޖުމްލަ ޚަރަދު ވަނީ ދަށްވެފަ އެވެ. އެހެންނަމަވެސް، ޚަރަދު ކުޑަވެފައިވަނީ ދާއިމީކޮށް ޚަރަދުތައް މަދުކޮށްގެން ނޫން ކަމަށާއި، އޭގެ ބަދަލުގައި ބައެއް ފައިސާ ދެއްކުން ފަސްކުރުމުގެ ސަބަބުން ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ.

ވޯލްޑް ބޭންކުން ބުނެފައިވަނީ ދައުލަތުގެ ބަޖެޓަށް ބައެއް ކުރިއެރުންތައް ލިބުނު ނަމަވެސް، ދައުލަތުގެ ދަރަންޏަކީ ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ. ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރު ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނި ހުރީ ޖީޑީޕީގެ ނިސްބަތުން 129.7 އިންސައްތައިގަ އެވެ. އަދި މާލީ އިސްލާހީ ފިޔަވަޅުތައް ދެމެހެއްޓެނިވި ގޮތެއްގައި ނާޅައިފިނަމަ، މެދު ރާސްތާގައި ދަރަނި މި މަތީ މިންވަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމުގައެވެ. މީގެ އިތުރުން، ބޭރުގެ ދަރަނި އަދާކުރުމުގައި ރާއްޖެއަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ވޯލްޑް ބޭންކުން ވަނީ ދީފައެވެ.

ބޭރުގެ ފައިނޭންސިންގް ހޯދުމަށް ހުރި ދަތިތަކަށްވެސް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ. އެގޮތުން 2025 ވަނަ އަހަރު ބޭރުގެ ދަރަނި ދެއްކުމަށް 630 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވިއިރު، 2026 ވަނަ އަހަރު މި އަދަދު 1.7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާކުރެވެ އެވެ. މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކާއި، އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ސަރުކާރުން ދައްކާފައިވީ ނަމަވެސް، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ރާއްޖޭގެ ހަގީގީ ޖީޑީޕީ ކުރިއަރާނީ ގާތްގަނޑަކަށް 3 އިންސައްތައިގަ އެވެ. އަދި ދުނިޔޭގެ މަސްރަހުގައި ހުރި ނުތަނަވަސްކަމާއި، ރާއްޖޭގެ މާލީ އަދި ބޭރުގެ ދަރަނީގެ ނާޒުކު ހާލަތުގެ ސަބަބުން އިގްތިސާދަށް ހުރި ނުރައްކާތައް އަދިވެސް ބޮޑުކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

ދައުލަތުގެ ޚަރަދުތައް ހަރުދަނާކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރުމަށާއި، ސަބްސިޑީ ދޭ އުސޫލުތައް ހަރުދަނާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތައް އަވަސްކުރުމަށް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް އިލްތިމާސްކޮށްފަ އެވެ. އެ ބޭންކުން ބުނި ގޮތުގައި މި ފިޔަވަޅުތަކަކީ ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހަމަޖެހުން ގާއިމުކުރުމަށާއި، ދިގު މުއްދަތުގެ އިގްތިސާދީ ކުރިއެރުން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅުތަކެކެވެ.