ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ ބާޒާރަށް ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް ފަހު، އެކަމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ އިން ހަނދާނީ ލިޔުން ދީފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ދަށުން މިދުއަމް ސައުދު ހުށަހެޅި އާރުޓީއައިގެ ސުވާލުގައި ބުނެފައި ވަނީ، ސުކޫކު ދެއްކުމަށް ފަހު އެ މަސައްކަތުގައި އުޅުނު މީހުންނާއި، އެހީވި މީހުން ނުވަތަ ކުންފުނި ތަކަށް ހަނދާނީ ލިޔުން ނުވަތަ ސެޓްފިކެޓު ނުވަތަ އެ ބާވަތުގެ އެއްވެސް އެއްޗެއް ދީފައިވާ ނަމަ، އެ ދެވުނު ފަރާތްތައް ހިއްސާކޮށް ދިނުމަށް އެދޭ ކަމަށެވެ. 

އެ ސުވާލަށް ޖަވާބު ދެމުން ފިނޭންސް މިނިސްޓްރީ އިން ވަނީ، ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަނދާނީ ލިޔުން އެރުވުނު ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކޮށްފައި އެވެ. 

އޭގެ ތެރޭގައި ހިމެނޭ އިދާރާ ތަކަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ. 

މީގެ އިތުރުން ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަޙުމަދު ނަސީރު އާއި، ފިނޭންސް މިނިސްޓްރީގެ އެކައުންޓެންޓް ޖެނަރަލް މުޙައްމަދު އާޒާދު އާއި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙުސެއިން ޝާމް އާދަމް އާއި، ސްޓޭޓް މިނިސްޓަރު ޙަސަން މިރާސް އާއި، ޑެޕިއުޓީ މިނިސްޓަރު އަޙުމަދު ސާއިދު މުސްތަފާ އާއި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ފާތިމަތު ޤާޒިޔާ ފަތުހީ އަދި ފިނޭންސް މިނިސްޓްރީގެ ލީގަލް ކައުންސެލް އަލްއުސްތާޛް އާދަމް މިޤްދާދު އެވެ. 

ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ހަނދާނީ ލިޔުން ދޭން ޖެހުނު ސަބަބެއް ފިނޭންސް މިނިސްޓްރީ އިން ހާމަ ކޮށްފައި ނުވެ އެވެ. އަދި ސުކޫކު ދެއްކުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ތަކަކަށް ހަނދާނީ ލިޔުން ދިނުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވެސް ވަނީ ފާޅު ކޮށްފައި އެވެ.