މަދިރި އާލާވުން ކުޑަކުރުމަށްޓަކައި،
މަދިރި އާލާވާ ތަންތަން ނައްތާލުމަށް ފުވައްމުލަކު ސިޓީ ގައި ސާފުކުރުމުގެ ހަރަކާތެއް
ކުރިއަށް ގެންގޮސްފި އެވެ.

ހޮނިހިރު ދުވަހު ކުރިއަށް
ގެންދިޔަ މި ހަރަކާތުގައި އެ ސިޓީގެ މުއައްސަސާތަކާއި، ކުލަބު ޖަމިއްޔާތައް ގުޅިގެން
ރައްޔިތުންނާ އެކު ހިންގި ސާފުކުރުމުގެ ޙަރަކާތުގައި މަދިރި އާލާވާ ގޮތަށް ހުރި
ގިނަ ތަންތަން ވަނީ ސާފުކޮށްފަ އެވެ.

މި ދުވަސްވަރަކީ ދެކުނުގެ އަތޮޅުތަކަށް
ވިއްސާރަ ދުވަސްވަރަކަށްވެފައި މަދިރި އާލާވާ ގޮތަށް ހުރި ތަންތަން އިތުރަށް ވެސް ސާފުކޮށް ވެށި
ސާފުތާހިރުކޮށް ބޭއްވުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

މި ދުވަސްވަރު ވައިރަލް ހުމާއި އިންފުލުއެންޒާ
ބާރަށް ފެތުރެމުންދާތީ އެކަމަށް އާންމު ރައްޔިތުން ސަމާލުވާން ޖެހޭއިރު، މުޅި މުޖުތަމައުގެ
ރައްކާތެރި ކަމަށް ފަރުދީ ގޮތުން ސަމާލުކަން ދިނުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް
ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން މައުލޫމާތުދިން
ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ ކަންކަމުގައި ތަފާތު އެކި
ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.