ކުރިމަތިވެފައިވާ ގޮންޖެހުންތަކުން
އަރައިގަތުމަށްޓަކައި، އައްޑޫ ސިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން
މަސައްކަތްކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި
މެމްބަރު ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްއާއި އެކު
ބައްދަލުވުމަށްފަހު ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން މެމްބަރު ސޯބެ ވިދާޅުވީ،
މުޅި އައްޑޫ ސިޓީގެ ތަރައްޤީއަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑޫއަށް ނިސްބަތްވާ
މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށާއި،  އެކުގައި މަސައްކަތް ކުރުމަށް ހަރުދަނާ އޮނިގަނޑެއް
އެކުލަވާލުމަށް ނިންމަވާފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި
އައްޑޫގައި ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށޭނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ
އެވެ. އަދި އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ
ގޮތްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އެގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް
ޙައްލު ހޯދުމަށާއި، މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް އަވަސްމަގަކުން އަލުން ފެށޭނެ
އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާއިރު މި
ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުޢާއު ގެ އިތުރުން ކައުންސިލަރުން
ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ
ސަރުކާރަށް ތިން އަހަރު ވެގެންދާއިރު، ފެންނަމުންދަނީ އައްޑޫގެ ތަރައްޤީގެ ތަޞައްވުރު
މަޑުޖެހިފައިވާ ތަނެވެ. އެގޮތުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ފައްޓާފައިވާ
މަޝްރޫއުތައް ހުއްޓުމަކަށް އައިސްފައިވާއިރު، އައްޑޫގެ އިޤްތިޞާދީ މައިބަދަ ކަމުގައިވާ
ގަން އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް
އެބަހުއްޓެވެ. މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ކޮންސަލްޓެންޓް (އެސްޓީޔޫޕީ)
އިން ދަނީ ކޮންޓްރެކްޓް އައު ނުކޮށް މަސައްކަތް ހުއްޓާލާނެކަމަށް އަންގަމުން
ކަމަށް މައުލޫމާތު ލިބެމުންދެ އެވެ.

މީގެ އިތުރުން ރިޔާސީ އިންތިޚާބާއި،
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކައުންސިލް އިންތިޚާބުގެ ދުވަސްވަރު ވެސް ސަރުކާރުން ވަނީ އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ ވައުދުތަކެއް ވެފައެވެ. ނަމަވެސް
މިއަދާއި ހަމައަށްވެސް އަމަލީ ގޮތުން މަސައްކަތް ފެށިފައިވާ މަޝްރޫއު އެއް ފެންނާން
ހުރީ މަދުންނެވެ.