ސީލައިފްގެ
ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި
ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު އެ
ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އާދިއްތަ
ދުވަހު ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި
ގޮތުގައި ދައުލަތުގެ މައިގަނޑު އިސްތިއުނާފީ ނުކުތާއަކީ ދަށު ކޯޓުގެ ނިންމުމުގައި
ފަނޑިޔާރު، ރުކުން މާނަކޮށްފައިވަނީ ޤާނޫނުގެ މަޤްސަދާއި، ޤާނޫނު މާނަކުރުމުގެ ހަމަތަކާ
ޚިލާފަށްކަމަށް ފާހަގަކޮށް ބަޔާންކޮށްފައިވާ ނުކުތާއެކެވެ. އެގޮތުން ކްރިމިނަލް
ކޯޓުގެ ނިންމުމަކީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 12 ވަނަ
މާއްދާގެ (ޅ) ގައި ބަޔާންކުރާ އުސޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ދައުލަތުން
ދެކޭކަމަށް ވަކީލު ވިދާޅުވިއެވެ.

 އެ މާއްދާގައި އޮންނަނީ މާނަ ކުރުމުގައި މަޖިލީހުން
ގެންގުޅެފައިވާ ވިސްނުމަށް ބެލުމާ ގުޅޭ ނުކުތާއެވެ.

ދައުލަތުގެ
ވަކީލު ވިދާޅުވީ، ހިޔާނަތްތެރި ވުމުގެ ކުށާ ގުޅޭ މާއްދާ އޮތީ ވަރަށް ސާފުކޮށް
ކަމަށާއި، އެހާ ސާފުކޮށް މާނަކުރުމެއް އޮއްވައި މަޖިލީހުން ކޮށްފައިވާ
"ކޮމެންޓަރީއަށް" ބަލައި މިސާލު ނެގުމުގެ އެއްވެސް ބޭނުމެއް ނެތް
ކަމަށެވެ. އަދި އެ މާއްދާގައި ނުވެސް ނެތް އިތުރު ކަންކަމެއް އިތުރުކޮށްގެން ފަނޑިޔާރު
އެ ކުށް މާނަކޮށްފައި ވާކަންވެސް ދައުލަތުން ފާހަގަކުރިއެވެ.

މިސާލަކަށް
މި ކުށް މާނަ ކުރުމުގައި އަމާނަތްތެރިވުމުގެ ވާޖިބެއް އޮންނަން ޖެހޭނެކަމަށް
ފަނޑިޔާރު ނިންމެވި ނިންމެވުމަށް ދައުލަތުން ވަނީ އަލިއަޅުވާލައްވާފައެވެ. ދައުލަތުން
ފާހަގަކުރި ގޮތުގައި އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ރުކުންތަކުގެ ތެރެއަށް
ޝަރީއަތުން އަމިއްލައަށް އުފަންކުރުވި ރުކުނެކެވެ.

ދަށު
ކޯޓުގެ ފަނޑިޔާރު މި މައްސަލައިގެ ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި މައިގަނޑު
ސަބަބެއް ކަމަށް ބުނެފައި ވަނީ މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ
ދަޢުވާތަކެއްކަމަށް ވުމެވެ. އަދި އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ
ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ
ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިއިގަންނަވާ ކަމަށް ބުނެފައިވެ އެވެ.

އެހެންނަމަވެސް،
މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ
ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި
ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް
ޕީޖީ އޮފީހުން ގަބޫލުކުރެ އެވެ.

މީގެ
އިތުރުން، މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން
ނިންމާފައި ވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް
އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމެއް ނެތި ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ
އެވެ. އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް
ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

ޕީޖީ
އޮފީހުން  ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައި ވާނީ
މި މައްސަލައިގެ ހެއްކާއި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި،
މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައި ވަނީ އަދި ޤާނޫނުގައި
ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައި ވަނީ ޤާނޫނާ
ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް
ކަނޑައަޅުއްވައިދެއްވުމަށެވެ. 

މީގެ
އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ
މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ
މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ. 

ހައިކޯޓުގައި
މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ,
އަލްއުސްތާޛު ޢަބްދުﷲ ޖަމީލް މޫސާ, އަދި އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.