ރައްޔިތުންގެ
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަތްވަނަ ޖަލްސާ، މި މަހުގެ 29 ވާ ހޯމަ ދުވަހުގެ
ހެނދުނު 09:00 އަށް ތާވަލުކޮށް، އެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އާންމުކޮށްފިއެވެ.
މި ޖަލްސާގައި
ބައެއް ބިލުތަކުގެ ބަހުސާއި، މުއައްސަސާތަކަށް މީހުން އައްޔަނުކުރުމުގެ މަސައްކަތްތަކެއް
ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހޯމަ ދުވަހުގެ
ޖަލްސާއަށް އެޖެންޑާކޮށްފައިވާ އެންމެ މުހިންމު އެއް ކަމަކީ، އިލެކްޝަންސް ކޮމިޝަނުގެ
ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޮމިޝަނަށް މެންބަރަކު އައްޔަނު ކުރެއްވުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ކަމާގުޅޭ ދާއިމީ ކޮމިޓީއަށް
ފޮނުވުމެވެ.
މި މައްސަލަ
ކޮމިޓީން ދިރާސާކޮށް ނިންމުމުން، ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރުމާ މެދު މަޖިލީހުގެ
ތަޅުމުން ގޮތެއް ނިންމާނެއެވެ.
މީގެ އިތުރުން،
ގާނޫނީ އޮނިގަނޑަށް ގެނެވޭ މުހިންމު ބަދަލުތަކެއްގެ ގޮތުން، ގަލޮޅު އުތުރު ދާއިރާގެ
މެންބަރު މުޙައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ "ދިވެހިރާއްޖޭގެ ރަށެއްގެ
ރަށްވެއްސަކަށް ވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު" ވެސް ވަނީ މި ޖަލްސާއަށް
އެޖެންޑާކޮށްފައެވެ. މި ބިލަކީ ރަށްވެހިކަމާ ގުޅޭ އުސޫލުތަކަށް ޒަމާނީ ބަދަލުތަކެއް
ގެނައުމަށް ހުށަހަޅާފައިވާ ބިލެކެވެ.
ޓެކްނޮލޮޖީގެ
ދާއިރާއިން ރާއްޖެ ކުރިއެރުވުމަށްކަމަށް ބުނެ ސަރުކާރުން ހުށަހަޅާފައިވާ ދެ ބިލެއްގެ
ބަހުސްވެސް ހޯމަ ދުވަހުގެ ޖަލްސާގައި ކުރިއަށްދާނެއެވެ. އެއީ މޯލްޑިވްސް ޑިޖިޓަލް ޓްރާންސްފޮމޭޝަން
ބިލާއި، ޑިޖިޓަލް އައިޑެންޓިޓީ ބިލެވެ.
މި ދެ ބިލަކީ
ރާއްޖޭގެ އިދާރީ ހިންގުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ޑިޖިޓަލް ނިޒާމެއްގެ
ތެރެއިން ހަރުދަނާކުރުމަށްޓަކައި ހުށަހެޅިފައިވާ ބިލުތަކެއްނަމަވެސް، މި ބިލުތައް
އިތުރަށް ފުރިހަމަކުރަންޖެހޭކަމަށް މަޖިލީހުގައި އިދިކޮޅު މެމްބަރުން
ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ
މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑާމެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް
ހުރިއިރު، ސަރުކާރުގެ ފަރާތުންނާއި މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ބިލުތަކެއްގެ
މަސައްކަތް މިހާރުވެސް ކޮމިޓީ މަރުހަލާގައާއި ތަޅުމުގައި މެދުކެނޑިފައި ހުރިކަން
ފާހަގަ ކުރެވެއެވެ.