ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އަލް ނޫމާން އާއި 20 އަހަރުގެ ރަކީބުލް ހަސަން ޕަޕޫން އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ބަނގުރަލުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ މި ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން މި ދެ މީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެ ތަނުން 15 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. އެގޮތުން އަލް ނޫމާންގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައިވާއިރު، ރަކީބުލް ހަސަން ޕަޕޫންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުލުހުން ދަނީ މާލެ ސަރަހައްދާއި އަތޮޅުތެރޭގައި ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.