ލާމު
އަތޮޅުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި
އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، އެ އަތޮޅު މާވަށުގެ ރައްޔިތުންގެ މެދުގައި
ބޮޑު ނުރުހުމެއް އުފެދި، ރައީސުލްޖުމްހޫރިއްޔާއަށް ޕެޓިޝަނެއް ހުށަހެޅުމުގެ
މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ
އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި ނިންމުން ހާމަކުރުމާ ގުޅިގެން،
މާވަށުގައި ތިބި ސަރުކާރު ހިންގާ ޕީއެންސީގެ އާންމު މެމްބަރުންނާއި ބައެއް ރައްޔިތުން
ދަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ.

އެ ރަށުގެ
ރައްޔިތުން ތައްޔާރުކުރަމުންދާ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، މާވަށަކީ ތާރީޚީ
ގޮތުންނާއި ޖިއޯގްރަފީ ގޮތުން ބަލާއިރު ދަތުރުފަތުރާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި
އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށެވެ.

މާވަށު ރައްޔިތުން
ބުނާ ގޮތުގައި އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމި ދުވަހަކީ އެ
ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެ، މުޅި ރަށް މާޔޫސްކަމުގެ ތެރެއަށް ވައްޓާލި
ކަޅު ދުވަހެކެވެ. އެހެން ހުރިހާ ތަރައްގީގެ މަޝްރޫއުތަކަށްވުރެ ބޮޑަށް އެ ރަށުގެ ރައްޔިތުން
ބޭނުންވަނީ އެއާޕޯޓެއްގެ ޚިދުމަތް ކަމަށާއި، އެއީ ރަށުގެ އެކަހެރިކަން ނައްތާލުމަށް
އޮތް އެންމެ ބޮޑު އުންމީދު ކަމަށްވެސް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

މި މައްސަލައިގައި
ރަށުގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޕެޓިޝަންގައި ފާހަގަކޮށްފައިވާ
ގޮތުގައި މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ
ބޮޑު އިންސައްތައެއްގެ ވޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދިން ދާއިރާއެވެ.
އަދި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރީވެސް
އެއާޕޯޓުގެ ބޭނުމުގައި ކަމަށް ރައްޔިތުން ބުނެއެވެ.

ސަރުކާރުގެ
މި ނިންމުމާ ގުޅިގެން ރަށުގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އާންމު މެމްބަރުން ގެންދަނީ
ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. މިކަމުގެ ސަބަބުން
ރަށުގެ ސިޔާސީ މަސްރަހު ގަޑުބަޑުވެފައިވާކަން ފާހަގަކުރަމުން، ޕެޓިޝަންގައި
ޖުމުލަކޮށް ބުނެފައިވަނީ، މިއީ އެމީހުން ކުރި އިތުބާރަށް ލިބުނު ވަރަށް ބޮޑު ދެރައެއް
ކަމަށެވެ.

މާވަށު ރައްޔިތުން
ތައްޔާރުކުރާ ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މި ޕެޓިޝަންގެ މައިގަނޑު ބޭނުމަކީ އެއާޕޯޓު އެޅުމަށް ނިންމާފައިވާ ނިންމުން މުރާޖައާކޮށް،
މާވަށު ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ކަންކަން ނިންމުމަށް ސަރުކާރަށް ބާރު
އެޅުމެވެ.

ލާމު އަތޮޅުގައި މިހާރުވެސް ކައްދޫގައި އެއާޕޯޓެއް ހިންގަމުން އަންނައިރު، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެއާޕޯޓު އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ކަނޑައަޅައި، އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން އައު އެއާޕޯޓެއްގެ މަޝްރޫއު އިއުލާނުކޮށްފައި މިވަނީ، ކުރީގެ ސަރުކާރުން ފަށާފައިވާ އަދި މި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި އެކި ރަށްރަށުގައި ކުރިއަށްދާ އެއާޕޯޓު މަޝްރޫއުތައްވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.