މާލޭ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މިހާދިސާ ހިނގީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:53 ހާއިރު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އަނިޔާވީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

ފުލުހުން ބުނީ މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ދެ މީހުން ވެއްޓުނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، ދެ މީހުންނަށް ފަރުވާ ދޭން އައިޖީއެމްއެޗަށް އެވަގުތުން ގެންދިޔަ ކަމަށް ފުލުހުން ބުނެ އެވެ. 

ރާއްޖެއެމްވީއަށް އައިޖީއެމްއެޗުން ބުނީ، ދެ މީހުންގެ ތެރެއިން އެކަކަށް އިމަޖެންސީ ރޫމްގައި ފަރުވާ ދިނުމަށްފަހު އާދިއްތަ ދުވަހު ދޫކޮށްލާފައިވާ ކަމަށާއި، ދެވަނަ މީހާ މިހާރު އޮތީ ވޯޑުގައި ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ. 

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ރައްކާތެރިކަމެއް ނެތި އުސް އިމާރާތްތަކުގައި ބޭރު ގައުމުތަކަށް ނިސްބަތްވާ މަސައްކަތްތެރިން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި މަސައްކަތް ކުރުވާ ކުންފުނިތަކުން ވެސް މިމައްސަލައަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް ގިނަ އާއްމު ރައްޔިތުން ބުނެ އެވެ. މީގެ ކުރިން ވެސް މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވި މީހުން ވެއްޓި ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.