މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ވެއްޓުނު 5 ކޮންޓެއިނަރުގެ ތެރެއިން މިހާތަނަށް ފެނުނީ 2 ކޮންޓެއިނަރު ކަމަށް ފުލުހުން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ 11:10 ހާއިރު އެމްޕީއެލްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެރި، އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު، ދޫނިދު އާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައިވެ އެވެ. 

މިހާދިސާއާ ގުޅޭގޮތުން އާދިއްތަ ދުވަހު ފުލުހުން ބުނީ، ޖުމުލަ 5 ކޮންޓޭނަރު މޫދަށް ވެރި އޮޔާ ގޮސްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ. އަދި ބާކީ 3 ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. 

5 ކޮންޓެއިނަރު ވެއްޓިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެމްއެންޑީއެފުން ބުނީ ކަނޑަށް ވެއްޓުނީ 4 ކޮންޓެއިނަރު ކަމަށެވެ. އެހެންކަމުން ސީދާ ވެއްޓިފައި ވަނީ ކިތައް ކޮންޓެއިނަރު ކަމެއް ސާފެއް ނޫނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަނޑަށް ވެރިފައި ވަނީ ހުސް ކޮންޓެއިނަރުތަކެކެވެ. މިހާދިސާ ހިނގި ވަގުތަކީ ވަރަށް ބޯކޮށް ވާރޭވެހި، ވައިގަދަވި ވަގުތެކެވެ.