މުޅި ރާއްޖޭގެ މޫސުން ގޯސް ކަމަށާއި، މެދު ރާއްޖެތެރެއަށާއި، ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. 

އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެ އިދާރާއަށް ގުޅުމުން، އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ބޮޑަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ މެދު ރާއްޖެތެރެއާއި، ދެކުނުގެ އެކި ހިސާބަށް ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ހާފިޒު ވިދާޅުވީ ދެކުނަށް ވައި އެހައި ބާރު ނުވި ނަމަވެސް މެދުރާއްޖެތެރެ އާއި ރާއްޖޭގެ އުތުރަށް ވައި އެވްރެޖްކޮށް 14 މޭލާއި، 16 މޭލު ދޭތެރޭގައި ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އުތުރަށް އެހައި މޫސުން ގޯސްނުވާނެ ކަމަށެވެ. 

ދެން އުތުރަށް ބަލާއިރު، މޫސުން އެހައި ގޯހެއް ނުވާނެ މިއަދު އެއް. އުތުރަށް ދެން ދޭތެރެ ދޭތެރެއިން ކެރީގެ އަސަރު ފޯރާނެ ކަމަށް ބޮޑަށް ބެލެވެނީ. ކުރިއަށް މިއޮތް 24 ގަޑިއިރު ބޮޑަށް ވާރޭ ވެހޭނީ މެދުރާއްޖެ ތެރެއަށާއި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް.
އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒު

މާލެ ސަރަހައްދަށް އިޝާރާތް ކުރައްވައި ހާފިޒު ވިދާޅުވީ އާދިއްތަ ދުވަހު ދޭތެރެދޭތެރެއިން ވާރޭ ވެހުނު ނަމަވެސް މާ ބޮޑަށް ވާރޭ ނުވެހޭނެ ކަމަށެވެ. އަދި އުނޑުމަތި އޮންނަނީ ބަނަކޮށް ކަމަށެވެ.

ހޯމަ ދުވަހުގެ ފަހުން މުޅި ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، ހޮނިހިރު ދުވަހު މާލެސިޓީ އަށް ވަރަށް ބޮޑަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ހާދިސާތައް ހިނގާފައިވެ އެވެ. ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގާފައިވާއިރު، މަގުތަކާއި، ބައެއް ގޭބިސީތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި ހުޅުމާލޭއިން ބައެއް ބޮޑެތި ގަސްތައް ވެއްޓިފައިވެ އެވެ. 

މީގެ އިތުރުން އާދިއްތަ ދުވަހުގެ ހެނދުނު 8:15ން މެންދުރުފަހު 1:00 ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ވައިޓް އެލާޓް ވެސް ނެރިފަ އެވެ. 

މިދުވަސްވަރު މޫސުން ގޯސްވެފައިވާތީ މޫސުމަށް ޚާއްސަ ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.