ރާއްޖޭގެ
އެކި ކަންކޮޅުތަކުގައި ކުރިއަށްދާން ހުރި ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާތީ،
ސަރުކާރުން ރައްޔިތުންނަށް މާނައެއް ނެތް އުއްމީދުތައް ދިނުން ހުއްޓާލަންޖެހޭ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ
"ޓީވީޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ، މިއަދު
ކޮންމެ ރަށަކަށް ދިޔަ ނަމަވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ތަރައްޤީގެ
މަޝްރޫއުތައް ހުއްޓިފައި ހުރި ވާހަކަ ކަމަށެވެ.
ޝަމްހީދު
ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިވާކަން އެ
ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ވަރަށް ރަނގަޅަށް
އެނގިލައްވާނެއެވެ. އަދި އެކި ދާއިރާތަކުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ވެސް މި
ވާހަކަތައް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚާއްޞަކޮށް
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މިދިޔަ އަހަރުގެ ބަޖެޓުގައި 3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު،
އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މި ދާއިރާއިން
މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ތަރައްޤީގެ މަޝްރޫއުތަކުގެ ތަފްސީލަށް އަލިއަޅުއްވާލައްވަމުން
ޝަމްހީދު ވިދާޅުވީ، މިއަހަރުގެ ބަޖެޓުން މިހާތަނަށް ކުރެވިފައިވަނީ އެންމެ 5 އިންސައްތަ
މަސައްކަތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިއަހަރުގެ ތެރޭގައި
ނިންމަވާނެ ކަމަށް ވިދާޅުވި ކަންކަންވެސް، އެކި ޤާނޫނުތަކަށް ބަދަލު ގެނެސްގެން އޮޅުވާލަމުންދާ
ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސަރުކާރުގެ
ވަޒީރުން އެކި ޕޯޑިއަމްތަކުގައި މަޝްރޫއުތައް ނިންމާނެ ތާރީޚުތަކާއި ޑެޑްލައިންތަކުގެ
ވާހަކަ ދައްކަވަމުން ގެންދެވި ނަމަވެސް، ހަގީގަތުގައި އެއްވެސް މަސައްކަތެއް ކުރިއަށް
ނުދާކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަޝްރޫއުތައް ހުއްޓިފައި އޮތްކަން
ސާފުކޮށް ފެންނަން އޮތްއިރު، ރައްޔިތުންނަށް ދޮގު އުއްމީދުތައް ދިނުމަކީ ބަލައިގަނެވޭނެ
ކަމެއް ނޫން ކަމަށެވެ.
ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައިހުރިކަމަށް މިއަދު ދެންނެވިދާނެ، ނަމަވެސް އެކި ވަޒީރުން ޕޯޑިއަމްތަކުގައި މަޝްރޫއުތަކުގެ ވާހަކަތަކާއި އެ މަޝްރޫއުތައް ނިންމާނެ ޑެޑްލައިންތަކުގެ ވާހަކަ ދަނީ ދައްކަމުން، ވީމާ ރައްޔިތުންނަށް މިގޮތަށް މާނައެއް ނެތި އުއްމީދު ދިނުން ހުއްޓާލަންވެއްޖެ.ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު
މީގެ އިތުރުން،
ދައުލަތުގެ ބަޖެޓުން މުހިއްމު ކަންކަމަށް ޚަރަދު ކުރުމުގެ ބަދަލުގައި، ބޭކާރު އެތައް
ކަމަކަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ދައުލަތުގެ
ބަޖެޓު ބޭނުންކުރުމުގައި ގިނަ އޮޅުވާލުންތަކެއް ހިންގަމުންދާ ކަމަށްވެސް އޭނާ ވަނީ
ތުހުމަތު ކުރައްވާފައެވެ. ޝަމްހީދު ވިދާޅުވީ ސަރުކާރުން އިސްކަންދޭންވީ ރައްޔިތުންނަށް
ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް
ކަމަށެވެ.