ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު
ވެރިކަމަށް ވަޑައިގެންނެވީ ސީދާ މަކަރުވެރިކަމުން ކަމަށާއި، އެމަނިކުފާނަކީ
އިޤްތިސާދީ އެއްވެސް ސިޔާސަތެއް ނެތް ބޭފުޅެއްކަމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ
އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން
އޭނާ ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ބޮޑެތި
ވައުދުތަކެއް ވެވަޑައިގެން، ވަރަށް ފޮނި ހުވަފެންތަކެއް ދައްކައިގެން ކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން
ރައްޔިތުންގެ ޙާލަތު ދުވަހެއް ދުވަހަކަށް ދަށަށް ގޮސްފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ، ރައްޔިތުން މިއަދު ތިބީ ގޮތް
ހުސްވެފައި ކަމަށާއި، މި ސަރުކާރުގައި ގޮތް ހުސްވެފައި ތިބީ ހަމައެކަނި ވިޔަފާރިވެރިންނެއް
ނޫން ކަމަށެވެ. އެގޮތުން ސިވިލް ސަރވަންޓުންވެސް މިއަދު ތިބީ ބޮޑު މާޔޫސްކަމެއްގައި
ކަމަށާއި، އެގޮތަށް ތިބުމުގެ ސަބަބަކީ ކަރަންޓު ބިލާއި އެހެނިހެން ޚަރަދުތައް އެހާ
ބޮޑުވީމާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރުވެސް ރައީސް މުއިއްޒަށް އެންމެ
ކުޑަމިނުން ރައްޔިތުންގެ ޙާލަތުވެސް އެނގިވަޑައިނުގަންނަވާ ކަމަށް ސައުދުﷲ ތުހުމަތު
ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް
އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެގޮތުން މުޅި ޤައުމުގެ
އިޤްތިސާދު ނެތިގެންދާއިރުވެސް އެމަނިކުފާނަށް ކުރެއްވެވޭ އެއްކަމެއްވެސް ނެތްކަން
އޭނާ ފާހަގަ ކުރެއްވިއެވެ.
ކަންމިހެން ހުރިއިރުވެސް ރައީސް މުއިއްޒަށް އެންމެ ކުޑަމިނުން ރައްޔިތުންގެ ޙާލަތުވެސް އެނގިވަޑައިނުގަންނަވާ، ސަބަބަކީ ރައީސް މުއިއްޒަކީ އެއްވެސް ވަރަކަށް އިޤްތިސާދީ ސިޔާސަތެއް އެނގިލައްވާ ބޭފުޅަކަށް ނުވާތީ، މުޅި ޤައުމުގެ އިޤްތިސާދު ނެތިގެންދާއިރު އެމަނިކުފާނުގެ ހިތަށް އެއްޗެއް އަރާހެނެއް ހިއެއް ނުވޭ،ކުރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު
އޭނާ ފާހަގަކުރެއްވި ގޮތުގައި މިއަދު ޑޮލަރު ހުރީ
ވިހި ރުފިޔާއިން މަތީގައެވެ. މި ޤައުމަކީ ގިނަ ކަންކަން ބޭރުގެ ޤައުމުތަކަށް ބަރޯސާވާ
ޤައުމަކަށްވާއިރު، މިއީ ރައްޔިތުންނަށް ހުރި ބޮޑެތި ތަކުލީފުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުގައި މަގާމު ފުރުއްވި ސައުދުﷲ އަހުމަދު
މި ވާހަކަތައް ދެއްކެވީ މިހާރުގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް
ފާޑުވިދާޅުވަމުންނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އުފުލުން އުނދަގޫވެ، އިޤްތިސާދީ
ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.