މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާތީ މާލެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ (27 ޖޫން 2026) ގަ އެވެ. މިކަމުގެ ރިޕޯޓް އެމްޕީއެލްގެ ފަރާތުން ފުލުހުންނަށް ލިބިފައިވަނީ އެރޭގެ 23:10 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ބެލެވެނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށްވާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ދަތުރުވެރިން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. މި ކޮންޓޭނަރުތަކުގެ ސަބަބުން ކަނޑުދަތުރުފަތުރަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރާއިރު  ފަރުވާތެރިވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ވެއްޓުނު ކޮންޓޭނަރުތަކުގެ އަދަދު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.