ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރައްވާނެ ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މުންދު މިހެން ވިދާޅުވީ، ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ ހޮނިހިރު ދުވަހު އޮތް ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާމެދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މުންދުގެ ވާހަކަފުޅުގައި، ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ފިޔަވާ އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރެވި ޑިޒައިންގެ ކުރެހުންތައް ނިމިފައިވާ ކަމުގައި ވިދާޅުވި އެވެ. އެހެންކަމުން މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާ ހިސާބަށް މިހާރު ދެވިފައިވާ ކަމުގައި އިސް ތަރުޖަމާނު ވިދާޅުވި އެވެ.