އައްޑޫ ސިޓީގައި ހިންގަމުން
އަންނަ އެންމެ ދުވަސްވީ ފަތުރުވެރިކަމުގެ އެއް ފެސިލިޓީ ކަމުގައިވާ ގަމުގެ އީކްއޭޓަ ވިލެޖް ބަންދުކުރަން ނިންމައިފި އެވެ.

ރާއްޖެއެމްވީއަށް
އިތުބާރުހުރި ފަރާތަކުން މައުލޫމާތުދިން ގޮތުގައި އީކުއޭޓަރ ބަންދުކުރަން
ނިންމާފައިވަނީ މިއަހަރު، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެގޮތުން މިހާރު އެކަން
ވަނީ މުވައްޒަފުންނަށްވެސް އަންގާފަ އެވެ.

އިތުބާރުހުރި ފަރާތަކުން
މައުލޫމާތު ހިއްސާކުރަމުން ބުނީ އީކުއޭޓަރ ބަންދުކުރަން ނިންމީ ސަރުކާރުގެ ކަމާއި
ބެހޭ ފަރާތްތަކާއި ވާހަކަ ދެއްކުމުން ވެސް އެކަށީގެންވާ ގޮތެއްގައި ސަރުކާރުގެ
ފަރާތުން އެއްބާރުލުން ނުލިބިގެން ކަމަށެވެ. އެގޮތުން ބުލޫ ނެގޫން ސަރަހައްދު
ސަރުކާރަށް ނަގާ އެކަމުގެ ބަދަލު އީކުއޭޓަރ ހިންގަމުން އަންނަ ކައިމޫއަށް ނުލިބި އޮތުމަކީވެސް
އެކުންފުނީގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

މީގެ ކުރިންވެސް މަގު ހެދުމުގެ މަޝްރޫ
ކުރިއަށްދިޔަ އިރުވެސް އީކުއޭޓަރ އަންނަ ފަތުރުވެރިންނަށް ތަފާތު އުނދަގޫތަކާއި
ކުރިމަތިވަމުންދާ ކަމަށް މައުލޫމާތުލިބިފައިވެ އެވެ. އަދި ކުރިއަށް އޮތް
ދުވަސްތަކުގައި ގަމުގައި ތަރައްޤީ ކުރާ ގެސްޓް ހައުސްގެ މަސައްކަތާއި ދޫގަސްގެ
މަސައްކަތް ފެއްޓުމުން މިދެތަނަކީވެސް އީކުއޭޓަރ ވިލެޖާއި ވަރަށް ކައިރި ތަރައްޤީކުރަން
ގަސްތުކުރާ ތަންތަން ކަމުން މިމަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އީކުއޭޓަރ
އަންނަ ފަތުރުވެރިންނަށް ދަތިކަމެއް ނުލިބޭނެ ގޮތަށް ކަންތައް ވުމަށް އެކުންފުނިން
ވަނީ އެދިފަ އެވެ. ނަމަވެސް މިކަމުގައި ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް
ލިބިފައިނުވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތުލިބިފައިވެ އެވެ.  

ނޮވެމްބަރު 1 އިން ފެށިގެން
އީކްއޭޓަ ވިލެޖްގެ އޮޕަރޭޝަން ހުއްޓާލަން ނިންމާފައިވާ ކަމަށް މުވައްޒަފުންނަށް އަންގާފައިވާއިރު،
އީކްއޭޓަ ވިލެޖް ބަންދުކުރާތީ މުވައްޒަފުން މިހާރު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ
ތެރޭގަ އެވެ.

މި ތަނަކީ އައްޑޫގެ ގުޅިފައިވާ
އަވަށްތަކުގެ މީހުންގެ އިތުރުން ބިދޭސީން ވެސް ވަޒީފާ އަދާކުރަމުން އަންނަ ތަނެކެވެ.
ހަމަ މިއާއި އެކު މެދު ފަންތީގެ ޓޫރިސްޓުންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލަކަށް
ވެފައިވާ އީކުއޭޓަރ ބަންދުކުރުން ވެގެންދާނީ އައްޑޫގެ ފަތުރުވެރިކަމަށް
އެޅިގެންދާނެ ހުރަހަކަށެވެ. އައްޑޫއަށް އެކި އެކި ބޭނުންތަކުގައި ދަތުރުކުރާ ފަރާތްތަކުން
ޓްރާންސިޓްކޮށްލުމަށްވެސް މަގްބޫލުތަނަށް އީކުއޭޓަރ ވަނީ ވެފައެވެ.

އީކްއޭޓަ ވިލެޖްއަކީ މިހާތަނަށް
މެދުކެނޑުމެއް ނައިސް އެންމެ ގިނަ ދުވަހު އޮޕަރޭޝަންގައި ހުރި އައްޑޫގެ ޓޫރިސްޓް ފެސިލިޓީ
އެވެ. މިތަން ބަންދުކުރުމުން އެތައް ބައެއްގެ ވަޒީފާ ގެއްލި އައްޑޫގެ
ފަތުރުވެރިކަމަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެކަމަށް ގިނަ ބަޔަކު ބުނަމުންދެ
އެވެ.

އީކުއޭޓަރ އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އައިސްފައިވާ އަދި ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހާސިލްކުރަމުންނަ ތަނެކެވެ.