މާލޭގެ ޓީ-ޖެޓީ ސަރަހައްދަށް އުކާލާފައި ހުރި ގިނަ އަދަދެއްގެ ކުނި ނަގާ، މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކޮށްފި އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ތެރެއިން އެ ސަރަހައްދުން ޖުމްލަ 46 ޓަނުގެ ކުނި ވަނީ ނަގާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، ޓީ-ޖެޓީ ސަރަހައްދު އެންމެ ފަހުން ސާފުކޮށްފައިވަނީ މިއަހަރުގެ ރޯދަމަސް ފެށުމުގެ ކުރިންނެވެ. އެހެންކަމުން، މިހާ ގިނަ އަދަދެއްގެ ކުނި އެ ސަރަހައްދަށް ޖަމާވެފައިވަނީ އެންމެ ފަސް މަސްދުވަހުގެ ތެރޭގަ އެވެ. އެ ސަރަހައްދުން ނެގި ކުނިތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބާ ފަރުނީޗަރާއި، ޕްލާސްޓިކްގެ ބާވަތްތަކުގެ އިތުރުން އެކި ކަހަލަ އާންމު ކުނި ހިމެނެއެވެ.

މި މަސައްކަތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މަގުމައްޗަށާއި އާންމު ސަރަހައްދުތަކަށް ކުނި އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަހަލަ ކަންތައް ކުރާ ފަރާތްތައް ސިޓީ ކައުންސިލަަށް ރިޕޯޓް ކުރުމަށް ގޮވާލާ މޭޔަރ ވަނީ މިކަހަލަ ކަންތައް ކުރާ ފަރާތްތަކުން މިކަންތައް ނުކުރުމަށް ވެސް އިލްތިމާސްކުރައްވާފަ އެވެ. 

ޓީ-ޖެޓީ ސަރަހައްދުގެ އިތުރުން، މާލޭގެ ކާނިވާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ކޮށްފަ އެވެ. އެ ސަރަހައްދުންވެސް ގިނަ އަދަދެއްގެ ކުނި ނަގާފައިވާކަން ކައުންސިލުން ފާހަގަކުރެ އެވެ. މީގެ އިތުރުންވެސް މާލޭ އާއި ވިލިމާލޭގެ ގިނަ ސަރަހައްދުތަކެއް ސިޓީ ކައުންސިލުން ވަނީ ފާއިތުވެ ދިޔަ ހަފްތާއެއްހާ ދުވަހު ސާފުކޮށްފަ އެވެ.

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރަމުން ކައުންސިލުން ބުނީ، މަގުތަކަށް ކުނި އަޅާ މަންޒަރު ފެނިއްޖެ ނަމަ އެ މަންޒަރުގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަށްފަހު 9341144 އަށް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ކައުންސިލްގެ ހޮޓްލައިން ނަންބަރު 1622 އަށް ގުޅުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.