ރާއްޖޭގެ ރައްޔިތުން ދަރަނި ދެއްކުމަށް ފައިސާ ދިން ނަމަވެސް ދަރަނި ދެއްކީ ރިޒާވްގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ފައިސާތަކަށް ވީނުވީ ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރަނި ދެއްކި ކަމަށް ވިދާޅުވާއިރު، ރައްޔިތުން އެ ދަރަނި ދެއްކުމަށް ފައިސާ ސަރުކާރަށް ދިން ކަމަށެވެ. ނަމަވެސް ދަރަނި ދެއްކީ ރިޒާވުގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް ވީނުވީ ނޭނގޭ ކަމަށެވެ. 

ޝަމްހީދު ވިދާޅުވީ މިކަމުގެ ތަފްސީލު ސަރުކާރުން ދޭން ޖެހޭ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ރިޒާވްގައި ބަހައްޓާ ފައިސާ އަކީ ސެކިއުރިޓީއަކަށް ބަހައްޓާ ފައިސާ ކަމަށާއި، ކުއްލި ހާލަތެއްގައި ރައްޔިތުންގެ ޒަރޫރީ ބޭނުމެއްގައި ބޭނުން ކުރަން ޖެހޭ ފައިސާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

ރައްޔިތުންގެ އަތުން މިދަރަނި ދެއްކުމަށްޓަކައި ވިޔަފާރިވެރިންނާއި، ރިސޯޓު މުވައްޒަފުންނަށް މިބޭބޭފުޅުންގެ އަތުން ނަގާފިއޭ މިދިޔަ އަހަރު އެކަނި 600 މިލިއަން ޑޮލަރު އިތުރަށް ލޯނު ދައްކާށޭ ކިޔާފައި. އަޅުގަނޑު ހަދާން ވަނީ 900 މިލިއަންއާ ގާތޭ. އެ 900 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބުނު ވާހަކަ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި މަޖިލީހުގައި އެ ވާހަކަ އިއްވި. އަދި މީރާގެ ތަފާސްހިސާބުތަކުން ފެނޭ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެނޭ. މާރުކުރި ޑޮލަރާއި، އިތުރުވި ޓެކްސްއިން 900 ވަރަކަށް މިލިއަން ޑޮލަރު ލިބުނު. އެހެންވީމަ ލޯނު ދައްކަން ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިވެރިން ދައުލަތަށް ފައިސާ ހަވާލުކުރި މިދިޔަ އަހަރު. އެކަމަކު ލޯނު ދައްކަން ޖެހުނު ދުވަސް އައިރު މިދެއްކީ ރިޒާވުން ފައިސާ. މިއަދު މަޖިލީހުގައި އެންމެ ހޫނުވެގެން ދިޔަ އެއް ކަމަކީ އެއީ. އަޅުގަނޑު މިބުނަނީ ރީޒާވްގައި ހުރި ފައިސާއިންނޭ ދެއްކީ. އެބޭފުޅުން ގަބޫލެއް ނުކުރޭ. އެކަމަކު އެމްއެމްއޭގެ ތަފާސްހިސާބުތައް ބަލާލީމަ އެބަ އެނގޭ. ރިޒާވްގައި އަބަދުވެސް ފައިސާ ހުރޭ. އެމްޑީޕީ ސަރުކާރު ނިމުނުއިރުގައި ރިޒާވްގައި ހުރި ފައިސާ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ، މިސަރުކާރުން ދައްކާ ލޯނަށްވުރެ ލޯނު ނަގާ މިންވަރު އިތުރު ކަމަށެވެ. އެހެންކަމުން މިއަދު ޖުމްލަ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދަރަނީ ހުރީ ގާތްގަނޑަކަށް 123 ބިލިއަންގައި ކަމަށާއި، ނަމަވެސް މިސަރުކާރުގައި 160 ބިލިއަންއާ ގާތަށް ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު ދަރަނީ ސީދާ ހުރި މިންވަރު ވެސް ނޭނގޭ ކަމަށާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުގެ މައުލޫމާތު ނުލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތްތަނުގައި 600 މިލިއަން ޑޮލަރު ދައްކަން އޮތްއިރު، މި ފައިސާ ދައްކާނެ ގޮތް ނޭނގޭ ކަމަށެވެ.