ހދ. ހިރިމަރަދޫ ޗާޓުން ގެއްލުވާލުމަށް ފަހު އެކަމުގައި އުޅުނު ސިޔާސީ ބޭފުޅުން މިހާރު ތިއްބެވީ ފިލާ ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކައުންސިލްގެ ރައީސް އަލީ ވަނީ ހިރިމަރަދޫ ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އަލީ ވިދާޅުވީ ހިރިމަރޫދޫގެ ރައްޔިތުންނަކީ ހަނިމާދޫގެ ރައްޔިތުން ކަމަށް ކަނޑައެޅީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ކަމަށެވެ. އެއީ ހިރިމަރަދޫ ރައްޔިތުންގެ ވޯޓާއެކު ހަނިމާދޫ ކައުންސިލްގެ މެޖޯރިޓީ ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެގޮތަށް  އެނަތީޖާ ނުނެރެވުމުން އެހުރިހާ ކަމެއްގައި އުޅުނު ސިޔާސީ އިސްވެރިން ފިލާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ. އަދި ވިދާޅުވީ 18 މެއި 2026 ގައި ހިރިމަރަދޫ ކައުންސިލް އުވާލައި، އެރަށް ޗާޓުން ގެއްލުވާލާފައިވާ ކަމަށެވެ. 

އެބޭފުޅުން އެ ވިސްނީ މިތަނަށް އަންނާނީ އެބޭފުޅުންގެ ކައުންސިލްއެކޭ. އައިސްފައި އަޅުގަނޑުމެންގެ އެއްވެސް މީހަކު ނާންނާނޭ. އެބޭފުޅުން ޖަހާ ހިސާބުން. އެއީ ހިރިމަރަދޫ ކައުންސިލް އުވާލާފައި ހިރިމަރަދޫ ރައްޔިތުންގެ ވޯޓުން ހަނިމާދޫގެ ކައުންސިލްގެ ވޯޓާ އެއްކޮށްލީމަ އެގޮތަށް ވެގެންދާނޭ. ކައުންސިލް އެބޭފުޅުންނަށް ނުލިބުނު ހިސާބުން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލު ކުރުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ވަރަށް ސާފުކޮށް އެބައޮތް ހުރިހާ މިނިސްޓްރީ އަކަށް އަންގާފައި ހަނިމާދޫ ކައުންސިލަށް ހިރިމަރަދޫގެ ބަޖެޓް ދޭށާއި، ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަން. ދެން އިންތިޒާމު ހަމަޖެއްސުމަކީ މިހާލަތުގައި ހިރިމަރަދޫ ހަނިމާދޫ ހިންގާނެ ގޮތް ކަނޑައެޅުމާއި، ހަނިމާދޫގައި ހިރިމަރަދޫގައި އެހުރި ކަންކަން ކުރާނެ ބަޖެޓު ހަމަޖެއްސުމާއި މިހުރިހާ ކަމެއް ކުރުން ދޯ. މިއިން އެއްވެސް ކަމެއް ނުހިނގާ މިވީހާ ދުވަހަށް. 
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

ހިރިމަރަދޫގެ ބަޖެޓަށް އިޝާރާތް ކުރައްވައި އަލީ ވިދާޅުވީ އެރަށުގެ ބަޖެޓު ހަމަޖެއްސުމަށް ގިނަ މަސައްކަތްތައް ކުރި ނަމަވެސް އަދިވެސް ބަޖެޓު ހަމަނުޖެހޭ ކަމަށެވެ. އަދި މިހާރު އެރަށުގެ ކަންކަމަށް ހަރަދު ކުރަމުންދަނީ ހަނިމާދޫގެ ބަޖެޓުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވުނީ އިދާރީ ވެރިންނާއި މަޝްވަރާ ކުރީ އަޅުގަނޑުމެން ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ކޮންމެވެސް ގޮތެއް ހަމަޖެހެންދެން އެބަ ޖެހޭ ހަރަދު ކުރަން. އެއީ އެރަށުގައި ވެސް ތިބީ ރައްޔިތުން. އެރަށުގައި ޕްރިސްކޫލު ހިންގަނީ ކައުންސިލުން. އެރަށުގައި ގުރުއާން ކްލާސް ހިންގަނީ ކައުންސިލުން. އެރަށުގައި ގޭސް ފޯރުކޮށްދެނީ ވިއްކަނީ ކައުންސިލުން. އެހެންވީމަ އެރަށުގައި އެބަ ތިބި 11 މުވައްޒަފުން. 260000 ހާސްވަރު މަހަކު އެބަ ހަރަދު ކުރަން ޖެހޭ މިކީ ޒަރޫރީ ކަންކަމަށް. ދެން އަޅުގަނޑުމެން ހަރަދު ކުރީ. ހަރަދުކޮށްފައި އަޅުގަނޑުމެން ހަރަދުގެ ތަފްސީލު ހާމަކޮށްފައި ސޯޝަލް މީޑީއާގައި ހިތްހަމަ ނުޖެހިގެން އެ ވާހަކަތައް ދެއްކިން. ދެއްކި ހިސާބުން މިހާރު އެބަބުނޭ ބަޖެޓު ހަމަޖެހޭނޭ. ދެން އަޅުގަނޑަށް އިއްޔެއާ ހިސާބަށް މައުލޫމާތު ލިބުނީ ކުރިއަށް މިއޮތް ހަތަރު ފަސް ހަމަހަށް 5 ލައްކަ ރުފިޔާގެ ބަޖެޓެއް ހަނިމާދޫ ކައުންސިލަށް ލިބޭނޭ
ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް

މީގެ އިތުރުން އަލީ ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫ އަށް އެންމެ އަވަހަށް ބަދަލުވާން ވެސް ގާތްގަނޑަކަށް 4 ނުވަތަ 5 އަހަރު ނަގާނެ ކަމަށެވެ. އެއީ އެރަށުގެ ރައްޔިތުންނަށް ގޯތި އެޅުމަށް ހަމަޖައްސާފައިވާ ބިމަކީ ޗަކަ ބިމަކަށްވާތީ، ގިނަ މަސައްކަތްތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދާ ހަމައަށް އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ.