ހުޅުމާލޭގެ ފޭސް-1 ގައި މަސްތުގެ ހާލަތުގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ޒުވާން ދެ އަންހެނުންނާއި، ދެ ފިރިހެނުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، 2026 ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން 4 މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައިވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާއިރު، އެމީހުން ހަމަނުޖެހުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އަންހެނަކާއި ފިރިހެނަކު ބެލްކަނީގައި ތިބޭއިރު، އެ މީހުން ދުރު ކުރުވުމުގެ މަސައްކަތް ފުލުހުން ކުރެ އެވެ.