ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި
ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި

އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަމްޕާ) ސަރަހައްދަށް ވަންނަ އުޅަނދުފަހަރުގައި ބުރަފަތި ގާޑު ނުވަތަ "ޕްރޮޕެލާ ގާޑު" ހަރުކުރުން މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން މަޖުބޫރުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން  ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި މަސް ނިމުމުގެ ކުރިން އެ ސަރަހައްދަށް ވަންނަ ސްނޯކަލް، ޑައިވް ދޯނިފަހަރު އަދި ލޯންޗުތަކުގެ ބުރަފަތީގައި ގާޑު ހަރުކުރަން ޖެހޭނެ ކަމަށެވެ. މިއީ މޫދަށް ފައިބައިގެން އުޅޭ ފަތުރުވެރިންނާއި، އެ ސަރަހައްދުގައި ގިނަ އަދަދަކަށް އުޅޭ ފެހުރިއްސާއި އެހެނިހެން ކަނޑުގެ ދިރުންތައް ބުރަފަތީގައި ޖެހި ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް އެޅި ފިޔަވަޅެކެވެ. ރާއްޖޭގައި މޫދަށް ފައިބައިގެން އުޅެނިކޮށް ބުރަފަތީގައި ޖެހިގެން ފަތުރުވެރިން މަރުވުމުގެ ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަކީވެސް މި ނިންމުމުގެ މުހިންމު މަގުސަދެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފިޔަވަޅަކީ ސަމްޕާ ސަރަހައްދުގައި ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަކީ އިންސާނުންނަށާއި ތިމާވެއްޓަށް ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ކަންކަންކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތެކެވެ.

ސަމްޕާ ސަރަހައްދަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު ހުރި ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. 2009 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ މި ސަރަހައްދަކީ މުޅި ރާއްޖޭގައިވެސް އެންމެ ގިނައިން ފެހުރިހި ފެންނަ ސަރަހައްދެވެ.

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި
Raajje.mv

ސަމްޕާ ސަރަހައްދަށް ވަދެވޭނީ ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް އެކަނިކަމަށް ކަނޑައަޅައިފި

މިދިޔަ އަހަރު މިނިސްޓްރީން އެކުލަވާލި ސަމްޕާ މެނޭޖްމަންޓް ޕްލޭންގެ ދަށުން، އެ ސަރަހައްދަށް ވަންނަ އުޅަނދުތަކުން އަމަލުކުރަންޖެހޭ އިތުރު އުސޫލުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން:

  • ސަރަހައްދަށް ވަނުމުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހުން.

  • ރަޖިސްޓްރީ ކުރުމުން ދޫކުރާ ހާއްސަ ދިދަ އުޅަނދުގައި ނަގާފައި ބެހެއްޓުން.
  • ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުން.
  • އެ ސަރަހައްދުގައި އުޅޭ ވަގުތު އުޅަނދުގެ "ލައިވް ލޮކޭޝަން" ހިއްސާކުރުން.

މި އައު ގަވާއިދުތަކާއެކު، ސަމްޕާ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.