ގދ. ފިޔޯރީ ކައިރިން ފެނުނު ބޭރުގެ ދެ މަސް ބޯޓުން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު ގދ. އަތޮޅާއި ފުވައްމުލަކާ ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ ދެ މަސްބޯޓެއް އިރުން ހުޅަނގަށް ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓެއް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ހަރަކާތްތެރިވެފަ އެވެ. 

މި އޮޕަރޭޝަންއާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަނުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ، އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އުޅަނދަކުން ކުރި އެ ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ގޮސް، އެ އުޅަނދުތައް ހުއްޓުވައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ބަލައި ފާސްކުރިއިރު ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އެއްޗެއް އެ އުޅަނދުތަކުން ފެނިފައިނުވާ ކަމަށެވެ. 

މި ކަނޑުއޮޅި އަކީ ބައިނަލްއަގުވާމީ ގޮތުން ކަނޑު ދަތުރުފަތުރުކުރުމުގައި އާންމުކޮށް ރާއްޖޭގެ ސަރަހައްދު ހުރަސްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ބޭރުގެ މަސް ބޯޓުތައް އަތުލައިގަނެ އެވެ. މިގޮތަށް އަތުލައިގަނެވޭ ބޯޓުތައް ފުލުހުންނާ ހަވާލުކުރާ އިރު، މީގެ ކުރިން މިފަދަ ބޯޓުތަކުން މަސްތުވާތަކެތި ވެސް ހޯދާފައިވެ އެވެ.