ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިހެން ވިދާޅުވީ، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންނަށް ޝަރަފުގެ ނިޝާން ދިނުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ސީޕީ ދެއްކެވި ވާހަކަފުޅުގައި، ޝަރަފުގެ ނިޝާން ލިބުނު ފުލުހުންނަށް މަރުހަބާ ދަންނަވައި، ފުލުހުންގެ ޚިދުމަތުގެ ދިގު މާޒީގައި އިހުލާސްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފުލުހުންގެ ކެތްތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވި އެވެ. އަދި ފުލުހުންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ ފުލުހަކު ވެސް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވި އެވެ. އޭގެ އިތުރުން، ފުލުހުންނަށް ލިބޭ ކާމިޔާބީ ފާހަގަކޮށް އަގުވަޒަންކުރުމާއި، އިތުރު ކާމިޔާބީ ހޯދައިދިނުމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ 32 ކޮމިޝަންޑު އޮފިސަރުންނާއި، ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ރޭންކުގެ 18 ފުލުހުންނާއި، ސީނިއާ ސާޖަންޓު ރޭންކުން ފެށިގެން ކޮންސްޓަބަލް ރޭންކާ ހަމައަށް ހިމެނޭ ރޭންކުތަކުގެ 34 ފުލުހުންނެވެ.