ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދާއިރު، ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާކަން ހާމަވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއެކު އެދާއިރާގެ ތަރައްގީ އޮތީ ހުއްޓިފައި ކަމަށެވެ.

މޮޅަދޫއަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ މި ވެރިކަމުގައި އެންމެ ބޮޑު ދެރައެއް ނުވަތަ އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ އެރަށުގެ ރައްޔިތުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެމަޝްރޫއު ހުއްޓިފައިވާ ކަމަށާއި، މިއަދާ ހަމައަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އުންމީދުގައި ތިބި ރައްޔިތުންނަށް މިއަދު ވެސް ފެންނަނީ އެހެން އިސްކުރަކާއި، ނަރުދަމާ ހޮޅީގެ ކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަގީގަތުގައި ޑރ. މުއިއްޒުގެ ވެރިކަމުގައި އެންމެ ބޮޑު ދެރައެއް އެންމެ ބޮޑު ނިކަމެތިކަމެއް ރާއްޖޭގެ އެއް ރަށެއްގެ ރައްޔިތުންނަށް ލިބުނު ރައްޔިތުން ތިބީ ހއ.މޮޅަދޫގައި. އަޅުގަނޑު މިކަން މި ފާހަގަކޮށްލީ އަޅުގަނޑު ކުރިން ފާހަގަކުރިހެން ފެނާއި، ނަރުދަމާގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައި އޮތީ. ޑރ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު. މިއަދާ ހަމައަށް އަޅުގަނޑު ހަނދާންވާ ގޮތުގައި 950 ދުވަސް ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ. އަދި ބާކީ އޮތް 5 ޕަސެންޓް ގެ މަސައްކަތް ނިންމާ ނުލެވޭ.
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު

28 ފެބްރުއަރީ 2021 ގައި މިމަޝްރޫއު 35.8 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.