މީހެއްގެ އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ،
ރައްޔިތުންގެ މުދަލާއި ފައިސާއަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑުވެގެންވާ ކަމަށް
މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާ
ޚާއްސަކޮށްފައި ވަނީ އަމާނާތްތެރިކަމުގެ މައްޗަށެވެ.

ޚުތުބާގައި ބުނެފައި ވަނީ، ދައުލަތުގެ މުދަލަށް
ހިޔާނަތްތެރިވުމަކީ މުޅި މުޖުތަމައުގެ ހައްގަކަށް އަރައިގަތުން ކަމަށެވެ. އެހެންކަމުން
ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނާތްތެރިވުމަކީ ކޮންމެ ފަރުދެއްގެ
މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

ދައުލަތާއި، އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް އަމާނަތްތެރިވާން ޖެހޭނެ، މީހެއްގެ އަމިއްލަ މުދަލަށް ހިޔާނަތްތެރިވުމަށްވުރެ، ރައްޔިތުންގެ މުދަލަށް ހިޔާނަތްތެރިވުމުގެ ފާފަ މާ ބޮޑު، ސަބަބަކީ އެއީ މުޅި މުޖުތަމައުގެ ޙައްޤަކަށްވާތީ،
ހުކުރު ޚުތުބާ

މީގެ އިތުރުން، އަދާކުރާ ވަޒީފާއާއި އެ ވަޒީފާގެ
ވަގުތަކީވެސް ބޮޑުވެގެންވާ އަމާނާތެއްގެ ގޮތުގައި ޚުތުބާގައި ސިފަކޮށްފައިވެއެވެ. އެގޮތުން
ވަޒީފާގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރުމާއި، ވަޒީފާގެ ވަގުތަށް ފަރުވާ ކުޑަ
ކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފައިވެއެވެ.

ހަމައެއާއެކު، މީސްތަކުން އިތުބާރު ކޮށްފައި ކިޔައިދޭ
ސިއްރު ވާހަކަތަކަކީވެސް އަމާނާތެއް ކަމަށާއި، އެކަންކަން ރައްކާތެރިކުރުމަކީ ކީރިތި
ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، މުޖުތަމައެއްގައި އަމާންކަމާއި
ސުލްޙަމަސަލަސްކަން ގާއިމުވަނީ އަމާނާތްތެރިކަން އިސްކުރުމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ނަމަވެސް މުޖުތަމައެއްގައި އަމާނާތްތެރިކަން ނެތިގޮސް، ހިޔާނާތްތެރިކަން އާންމުވެއްޖެނަމަ
އެ މުޖުތަމައެއްގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރިގެންދާނެ ކަމުގެ
އިންޒާރު ޚުތުބާގައި ވަނީ ދީފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ، އަމާނާތަށް
ހިޔާނާތްތެރިވުމުގެ ސަބަބުން މީހުންގެ ހައްގުތައް ގެއްލި، ދުނިޔޭގައި ނިކަމެތިވުމުގެ
އިތުރުން، އާޚިރަތް ދުވަހުންވެސް ގަދަފަދަ ވެގެންވާ ކޯފާއާއި އަޛާބާ ކުރިމަތިލާން ޖެހޭނެ
ކަމަށެވެ.

  އަމާނަތްތެރިކަމުގެ ސަބަބުން މުޖުތަމައުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޤާއިމުވޭ، ނަމަވެސް އަމާނަތްތެރިކަން ނެތިގޮސް، ހިޔާނާތްތެރިކަން އާންމުވެއްޖެނަމަ މުޖުތަމައުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކޮރަޕްޝަން ފެތުރި އާންމުވެގެންދޭ، އަދި އޭގެ ސަބަބުން ޙައްޤުތައް ގެއްލި، ދުނިޔޭގައި ނިކަމެތިވުމުގެ އިތުރުން، އާޚިރަތުގައިވެސް ގަދަފަދަ ވެގެންވާ ކޯފާއާއި އަޛާބާ ކުރިމަތިލާން ޖެހޭނެ
ހުކުރު ޚުތުބާ

އެހެންކަމުން ހުރިހާ ކަމެއްގައިވެސް އަމާނާތްތެރިކަން
އިސްކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހުރިހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.