ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް
އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރު މިއަދު ފެންނަމުންދާކަމަށް އެމްޑީޕީގެ
ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވަނީ
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރީނދޫ ލަޝްކަރުގެ މެންބަރުންނާއި،
ލީޑާޝިޕާއި، ޕާޓީގެ އެންމެހާ ހިދުމަތްތެރިންނަށް އަރިސްކުރައްވާފައެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ސިޔާސީ
މައިދާނުން އެތަކެއް ޕާޓީތަކެއް ފަނޑުވެދިޔައިރު ވެސް އެންމެ ވިދުންގަދަ ޕާޓީގެ ގޮތުގައި
21 އަހަރު ކަޑައްތުކުރެވުނީ އެތައް ބައެއްގެ މަސައްކަތާއި ގުރުބާނީންނެވެ. ރާއްޖޭގެ
އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް މި ޕާޓީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި
ދެމިތިބުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ
އެމްޑީޕީއާ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް
މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި
ކުރާނެ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ
ވަރަށް އުޖާލާކޮށް ކަމަށާއި، އެދެނީ ކާމިޔާބު މިންވަރު ކުރެއްވުމަށް ކަމަށް ވެސް ފައްޔާޒް
ވިދާޅުވިއެވެ.
ފައްޔާޒް ފާހަގަ ކުރެއްވި ގޮތުގައި މިއަދު ފެންނަ
އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރެވެ.
އަދި ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް
މަންޒަރު ފެންނަ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީ އަކީ ރާއްޖޭގައި ޑިމޮކްރަސީއަށް ގޮވާލުމުގައި
ކުރީގެ ސަފުގައި ހުރި ޕާޓީއެކެވެ. މި ޕާޓީ ރަސްމީކޮށް ހިންގަން ފެށީ 2005 ވަނަ އަހަރުއެވެ.
މި ޕާޓީގެ ވެރިކަމުގައި ރާއްޖޭގައި ވަނީ ވަރަށް ގިނަ އިސްލާހީ ކަންކަން ގެނެސްފައެވެ.