ދިވެހިރާއްޖޭގެ
އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް
21 އަހަރު ފުރުމުގެ މުނާސަބަތުގައި، އެ ޕާޓީގެ އެންމެ އިސް ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ
އިބްރާހިމް މުޙައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު މި ތަހުނިޔާ ފޮނުއްވީ އެމްޑީޕީގެ އަހަރީ
ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިހުގެ
މެސެޖުގައި އެމްޑީޕީގެ ލީޑަރޝިޕަށާއި، ޕާޓީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު
އަހަރީ ދުވަހުގެ ހެޔޮއެދުންތައް ވަނީ އަރިސްކުރައްވާފައެވެ.

އެމަނިކުފާނު
ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެމްޑީޕީން އަދާކޮށްފައިވާ
މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. މިގޮތުން ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި
ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމަށްޓަކައި އެމްޑީޕީން ކުރި ބުރަ މަސައްކަތްތަކަކީ ތާރީޚުން
ފެންނަން އޮތް ހަގީގަތެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް
ސޯލިހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ އަބަދުވެސް އަޒުމަކީ ރައްޔިތުންގެ ޙައްޤުގައި
މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޕާޓީގެ
މަސައްކަތްތައް ބައްޓަންވެގެންދާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންކަމުގެ
ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

އެމްޑީޕީއަކީ
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ރަޖިސްޓްރީ
ކުރި ސިޔާސީ ޕާޓީކަން ފާހަގަކޮށްލެވެއެވެ.

އެމްޑީޕީގެ
21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ޕާޓީން އަންނަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި
ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. ރާއްޖޭގެ ވެރިކަން
ދެ ދައުރެއްގައި ކޮށްފައިވާ އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް
ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި ޕާޓީއެވެ.