ދިވެހިރާއްޖޭގެ
ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ޕާޓީތަކުގެ ތެރެއިން، ހަރުދަނާ އުސޫލުތަކެއްގެ
މަތިން މުއައްސަސާއެއްގެ ގޮތުގައި ހިނގަމުންދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު
ވިދާޅުވެއްޖެއެވެ.
އޭނާ މިހެން
ވިދާޅުވީ އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި
ވާހަކަދައްކަވަމުންނެވެ.
އަލީ ނިޔާޒު
ވިދާޅުވީ، އެމްޑީޕީއަށް 21 އަހަރުވެގެންދާއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެ ޕާޓީއަކީ
ވަކި އުސޫލުތަކެއްގެ މަތިން ހިނގާ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
މިއީ ރާއްޖޭގެ އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާތަނަށް ހާސިލުކުރެވިފައިވާ ކަމެއް
ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ
ކުރިއަރާފައިވާ ގައުމުތަކުގައި ސިޔާސީ ޕާޓީތައް ހިންގާ ގޮތާއި ވެރިކަން ކުރާ ގޮތަށް
ބަލާއިރު، ހަގީގީ ފުރުސަތުތައް ލިބެނީ މިފަދަ އިންތިޒާމުވެގެން ހިންގާ ޕާޓީތަކަށް ކަމަށްވެސް
ނިޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ
ތާރީޚަށް އަލިއަޅުވާލައްވަމުން ނިޔާޒު ވިދާޅުވީ، އެ ޕާޓީއަކީ އަބަދުވެސް ވަރަށް ބޮޑަށް
އިންތިޒާމުވެގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން ވެރިކަން ގެއްލޭ ކޮންމެ
ފަހަރަކުވެސް، އިތުރު ހިތްވަރަކާއެކު މަސައްކަތްކޮށްގެން އަލުން ވެރިކަމަށް އައުމުގެ
ގާބިލުކަން އެމްޑީޕީން އަބަދުވެސް ދައްކަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން،
ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް
އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޔާޒު އިތުރަށް
ވިދާޅުވީ، އެމްޑީޕީއަށް އޮތް އިތުބާރު ބޮޑުވަނީ އެ ޕާޓީއަކީ ރައްޔިތުންނަށް އެންމެ
ފައިދާހުރި އަދި އެންމެ ރަނގަޅު ސިޔާސަތުތައް އެކުލަވާލައިގެން މަސައްކަތްކުރާ ޕާޓީއަށް
ވާތީ ކަމަށެވެ. ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އިޚްލާސްތެރި ނިޔަތުގައި ނުކުމެ
އުޅޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަބަދުވެސް ފެނިގެންދަނީ އިންތިޒާމުވެގެން ހިންގާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ހިންގަމުން އަންނަ ތަން، އެގޮތުން ވެރިކަން ގެއްލޭއިރަށް އިތުރު މަސައްކަތްތަކެއް ކޮށްގެން އެމްޑީޕީން އަބަދުވެސް ރާއްޖޭގެ ވެރިކަމަށް އާދޭ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބުކުރާނެ ކަމުގެ އުއްމީދު ބޮޑު، ސަބަބަކީ އެންމެ ރަނގަޅު ސިޔާސަތުތައް އެކުލަވާލާއިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުމަށް ނުކުމެ އުޅޭ ޕާޓީއަކީ ހަމައެކަނި އެމްޑީޕީ،ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒު
މި ރަސްމިއްޔާތުގައި
ވާހަކަ ނިންމަވާލައްވަމުން ނިޔާޒު ވިދާޅުވީ، އާންމު ރައްޔިތުން ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް
އަޅާކިޔާއިރު، އެ ރައްޔިތުންނަށް އެންމެ ފައިދާހުރި އަދި އެންމެ ބޮޑު ލުޔެއް ލިބެނީ
އެމްޑީޕީގެ ސިޔާސަތުތަކުންކަން މިއަދު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން
ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީ ފެނިގެންދާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ،
ވަރުގަދަ ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.