ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ - އެމްޑީޕީން ބަރުލަމާނީ ނިޒާމެއް ގެންނަން ބޭނުން ވަނީ ވެރިކަން ކުރަން ބޭނުންވާ މީހުން އެ ޕާޓީގައި ގިނަކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދޭ، "ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ 2ވަނަ އެޕިސޯޑްގައި ހުކުރު ވިލޭރޭ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަމުން ވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެ ގޮތުން، ވެރިކަމުގެ ނިޒާމާ މެދު ދިވެހިން އޮތީ ކުރިން ގޮތް ނިންމާފައި ކަމަށާއި ދިވެހިންގެ އެއްބައިވަންތަ ކަމަށް އަސަރު ކުރާ ނިޒާމެއް ބޭނުމެއް ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގި ފެންނަ، ނުފެންނަ ވޯޓަށް އިޝާރާތް ކުރައްވާ، ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި މެދު ވަރަށް ސާފު ނިންމުމެއް ދިވެހިން ނިންމާފައިވާ ކަމަށެވެ.

"ދިވެހިން އެދެނީ އެ ޚާއްސަ ސިފަތައް ދަމަހައްޓަން. އެހެން ނިޒާމެއް ގެނެސްގެން އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. މަދު ބަޔަކު އެގޮތަށް ތާއީދުކޮށްފާނެ. އެ ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމީމަ" ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ތާއީދު ނުކުރައްވާކަން ފާޅު ކުރައްވާ، މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް އެކަށީގެންވާ ދަނޑިވަޅުތޯ ސުވާލު ކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ ނިޒާމަކަށް ރާއްޖެ ހިންގަމުންދާ އިރު، ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެނެސްފި ނަމަ ރާއްޖެ އަށް ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އަހަރަކު އެއްފަހަރު ވެސް ބަދަލުވެދާނެ ބޮޑުވަޒީރު، ދެން ރައްޔިތުން ކައިރީ އަހާލުމެއް ނެތް އެ ބޮޑުވަޒީރު ބަދަލުވީ. ދެން އަނެއްކާ އެހެން މީހަކާ ހަވާލުވާންވީ، އެހެންވީމާ އެކަލަހަ ނިޒާމެއް ނޫން ރައްޔިތުން ބޭނުންވީކީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ބަރުލަމާނީ ނިޒާމަކީ ގައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ނިޒާމެއްގެ ގޮތުގައި ވަނީ ސިފަ ކުރައްވާފައެވެ. އެ ގޮތުން، ރާއްޖެ އަކީ ވަކިވަކި ރަށްތަކުގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއިއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ނިޒާމެއް ކަމަށާއި، އެ ނިޒާމަކީ ރިޔާސީ ނިޒާމް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

"އެހެންވީމާ މި ނިޒާމު މިއޮތީ ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަވާފައި. އެހެންވީމާ އަޅުގަނޑު ހިތުން ރައްޔިތުން ބޭނުންވާ ގޮތް މިއީ،" ރައީސް ވިދާޅުވި އެވެ.