މިހާރު
ދައުލަތް ހިނގަމުންދަނީ ދައުލަތެއްގެ ސިފައިގައި ނޫންކަމަށާއި، ރައްޔިތުންގެ ތާއީދު
ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު
މިއަދު ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު
ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ، އިންތިޚާބުތަކާ
ދިމާކޮށް ސަރުކާރުގެ އެސްއޯއީތަކަށް އެތައް މުވައްޒަފުންނެއް ވައްދާފައިވާ
ކަމަށާއި، އެ ތަންތަނުގައި ތިބި ދުވަސްވީ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާކަމަށެވެ.

އޭގެ ތެރޭގައި
ކަންކަމުގެ ޓެކްނިކަލް އިލްމާއި ޤާބިލުކަން ހުރި ފަންނީ މުވައްޒަފުންވެސް ހިމެނޭކަމަށް
އޭނާ ވިދާޅުވިއެވެ.

މިގޮތަށް
ކަންކަން ކޮށްގެން ދައުލަތެއްގެ ސިފައިގައި ވެރިކަމެއް ނުހިންގޭނެކަމަށް އެމްޑީޕީން
އަބަދުވެސް ބުނަމުންދާކަމަށް މެންބަރު ދީދީ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އެސްއޯއީތަކުގެ
ވަޒީފާތައް 30،000 އިން މައްޗަށްދާއިރު، ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހިކުރުމުގެ
ޤާބިލުކަމެއް ނެތި ވެރިކަން ހިންގާނީ ކިހިނެއްތޯ  އޭނާ ސުވާލު ކުރެއްވިއެވެ.

މީގެ
އިތުރުން، ކުރިއަށް އޮތް 2028 ގެ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބު ކުރެވޭނެކަމަށް
ޤަބޫލުކުރާ އެއްވެސް ރައްޔިތަކު މިއަދު ރާއްޖޭގައި ނެތްކަމަށްވެސް މެންބަރު ދީދީ ވިދާޅުވިއެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރައީސް މުއިއްޒު ދޮގުމައްޗަށް ދޮގު
ހައްދަވަމުން ގެންދިއުމާއި، ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދަވާތީކަމަށެވެ.

ކައުންސިލު
އިންތިޚާބާއި ރެފަރެންޑަމް ވޯޓުގައިވެސް ރައްޔިތުން ވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފައިކަމަށް
މެންބަރު ދީދީ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ތާއީދު ނެތީމާ އިންސާފުވެރި އިންތިޚާބަކާ
ނުލައި ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު
ފެންނަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 ރައްޔިތުންގެ ތާއީދު ނެތީމާ އިންސާފުވެރި އިންތިޚާބަކާ ނުލައި ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު މިއަދު ދަނީ ފެންނަމުން، އަދި ދުވަހެއް ދުވަހަކަށް މިބޭފުޅުންގެ ގޮށްމުށުގެ ބާރު އިތުރުކުރަމުންދާނެކަމަށް ބެލެވޭ،
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ 

މީގެ
އިތުރުން، ދުވަހެއް ދުވަހަކަށް މިބޭފުޅުންގެ ގޮށްމުށުގެ ބާރު އިތުރުކުރަމުން ދާނެކަމަށް
ބެލެވޭކަމަށާއި، ޤާނޫނުއަސާސީއަށްވެސް އެކި ބަދަލުތައް ގެންނަމުންދަނީ އެހެންވެކަމަށް
މެންބަރު ދީދީ ވިދާޅުވިއެވެ.

މި ސަރުކާރުން
ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ވަޒީފާތައް ބަދަލުކުރުމާއި،
އާ މުވައްޒަފުން ވައްދަމުންދާއިރު، ސަރުކާރުގެ ހިންގުންތެރިކަމެއް ނެތްކަމަށް ބުނެ
އެ މައްސަލަ ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.