އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަސައްކަތް ކުރާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ 2 ވަނަ އެޕިސޯޑްގައި ހުކުރުވިލޭރޭ ދެއްކެވި ވާހަކަފުޅުގައެވެ.
އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވާ، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށާ، ނަމަވެސް ޤައުމުގެ ކަންކަން ރަނގަޅުމަގަކުން ދާނީ އެކަން ބަދަލުވެގެން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ތަފާތު ޕާޓީތަކުން ވާދަކުރެއްވި ނަމަވެސް އިންތިޚާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން، ހުރިހާ ރައްޔިތުންނަށް، ހަމަހަމަގޮތެއްގައި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.