ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައި ކަމުގައިވާ "އުސްގެކޮޅު"ގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން އެ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، 100 އަހަރަށްވުރެ ގިނަ ދުވަސްވީ މި ތާރީޚީ ބިނާގެ ފާރުތަކުގައި ކުރަހައި، ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި އަމަލު ހިންގި ފަރާތްތައް ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު "ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު" (ޤާނޫނު ނަންބަރު 2019/12) ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
ސަގާފީ ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އުސްގެކޮޅާއި އެ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްޓަކައި، އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން އެ ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެ އެވެ. ނަމަވެސް، މިހާތަނަށް ކައުންސިލުން އެތަން ވުޒާރާއާ ޙަވާލުކޮށްފައި ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) (1893-1903) ގެ ރަސްކަމުގައި ބިނާކުރެއްވި ވަރަށް ތާރީޚީ ތަނެކެވެ. މިއީ މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވުނު އިމާރާތެވެ. އިހުގެ ދިވެހި ބިނާކުރުންތެރިކަމުގެ ފަރުމާ ވަރަށް ފުރިހަމައަށް ފެންނަން ހުރި މި ބިނާއަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން، ތަނުގެ ސަގާފީ އަގު ގެއްލި، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ބިރު އެބައޮތެވެ.
އެހެންކަމުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެތަން ވުޒާރާގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.