ލާމު އަތޮޅުގައި
ތަރައްގީކުރުމަށް ހަމަޖެހިފައިވާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ ކަލައިދޫގައި އެޅުމަށް
ނިންމާފައިވާކަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން
ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯއެއްގައި
ބުނެފައި ވަނީ، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީ ކުރާނީ އިސްދޫ ކަލައިދޫގައި
ކަމަށެވެ.
އިންފްރާސްޓްރަކްޗާ
މިނިސްޓްރީން ބުނި ގޮތުގައި ލ. އަތޮޅަކީ ގުދުރަތީ ގޮތުން ރީތި، އަދި އިގްތިސޯދީ ގޮތުން
ބޮޑެތި ފުރުސަތުތަކެއް އޮތް އަތޮޅެކެވެ. އެ އަތޮޅު ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު،
ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފުޅާކޮށް، އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ
ވަރަށް ބޮޑު އެދުމެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މީގެ
އިތުރުން، އިސްދޫ ކަލައިދޫއަކީ ބިން ބޮޑު ރަށަކަށް ވުމާއެކު، އެ ރަށަކީ އާބާދީ އާއި
ތަރައްގީ އެއްފަސްކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
ލާމު އަތޮޅުގައި
މިހާރުވެސް ކައްދޫގައި އެއާޕޯޓެއް ހިންގަމުން އަންނައިރު، އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް
ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެއާޕޯޓު އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ކަނޑައަޅައި، އެ ވައުދު ފުއްދަވާނެ ކަމަށް
ރައީސް މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން
އައު އެއާޕޯޓެއްގެ މަޝްރޫއު އިއުލާނުކޮށްފައި މިވަނީ، ކުރީގެ ސަރުކާރުން ފަށާފައިވާ
އަދި މި ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.
މީގެ ތެރޭގައި އެކި ރަށްރަށުގައި ކުރިއަށްދާ އެއާޕޯޓު މަޝްރޫއުތައްވެސް އެކި ސަބަބުތަކާ
ހުރެ ހުއްޓިފައި ހުރިކަން ފާހަގަކުރެވެއެވެ.
އައު އެއާޕޯޓުތަކުގެ
ވައުދުތައް ސަރުކާރުން ވަމުންދިޔަ ނަމަވެސް، އަމަލީ ގޮތުން މަސައްކަތްތައް ފެށިގެން
ކުރިއަށް ނުދާތީ އާންމު ރައްޔިތުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ހާއްސަކޮށް އިގްތިސޯދީ ދަތިތަކާ ހުރެ ގިނަ މަޝްރޫއުތަކެއް މަޑުޖެހިފައި އޮތުމަކީ ރައްޔިތުންގެ
ޝަކުވާ އޮތް ކަމެކެވެ.