ރާއްޖޭގެ
ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަމުން ދިޔަ ބޭރުގެ ދެ މަސްބޯޓެއް ހުއްޓުވުމަށް
ރާއްޖޭގެ ދިފާއީ ބާރުތަކުން ހަރަކާތްތެރިވެއްޖެއެވެ.
މޯލްޑިވްސް
ނޭޝަނަލް ޑިފެންސް ފޯސް އިން ބުނީ ގދ. އަތޮޅާއި ފުވައްމުލައް ދޭތެރޭގައި އޮންނަ އިކުއަޓޯރިއަލް
ޗެނަލުން ގދ. ފިޔޯރީން ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން އިރުން ހުޅަނގަށް
ބޭރުގެ ދެ މަސްބޯޓެއް ދަތުރުކުރަމުންދާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މީގެ
އިތުރުން، އެ ދެ މަސްބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހުއްދަނެތި ދަތުރުކުރަމުންދާކަމުގެ
މައުލޫމާތު ލިބުމާއެކު އެ ބޯޓުތައް ހުއްޓުވުމަށް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ
ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ ކުރިން
ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ ބޭރުގެ އުޅަނދުތަކެއް އެމްއެންޑީއެފުން
ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ. އަދި އެފަދަ ބައެއް ބޯޓުތަކުން ރާއްޖެއަށް އެތެރެކުރަން
އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް މީގެ ކުރިން އަތުލައިގެންފައިވެއެވެ.
ރާއްޖޭގެ
ކަނޑުގެ ސަރަހައްދަށް ހުއްދަނެތި ވަންނަ އުޅަނދުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ އިތުރުން
ގަވާއިދާ ހިލާފަށް މަސްވެރިކަން އުޅޭ އުޅަނދުތައް ވެސް ހިމެނެއެވެ.