ހއ ހޯރަފުއްޓަކީ
އަބަދުވެސް ކުދި އާބާދީތަކުން ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް މަރުޙަބާ
ކިޔާ ރަށެއް ކަމަށާއި، ހދ. ހިރިމަރަދޫ ރައްޔިތުންނަށް ދައުވަތުދިނީ ވެސް އެ ސަބަބާހުރެކަމަށް
ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.
ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް
ސަރުކާރުން ނިންމަވައި ހިރިމަރަދޫއަކީ މީހުން ދިރި ނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ
ވަނީ ކަނޑައަޅުއްވާފައެވެ. އެހެންކަމުން 2026 މޭ 17 އިން ފެށިގެން އެ ރަށުގެ ކައުންސިލާއި
ކައުންސިލްގެ އިދާރާ ވެސް ރަސްމީކޮށް ވަނީ އުވާލާފައެވެ.
މި ބަދަލުތަކާއެކު
އަލަށް އިންތިޚާބުވި ލޯކަލް ކައުންސިލާއެކު ހިރިމަރަދޫ ރައްޔިތުން އިދާރިގޮތުން ހަނިމާދޫގެ
ރައްޔިތުންގެ ގޮތުގައި ވަނީ ހިމަނާފައެވެ. އަދި މިފަހަރުގެ އިންތިޚާބުގައި އެރަށުގެ
ރައްޔިތުން ވޯޓު ދީފައިވަނީވެސް ހަނިމާދޫގެ ކައުންސިލް އިންތިޚާބުކުރުމަށެވެ.
ހިރިމަރަދޫއިން
ހަނިމާދޫއަށް އައި ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ހޯރަފުށީ ކައުންސިލުން ރަސްމީކޮށް ވަނީ ދައުވަތު ދީފައެވެ. އެހެންކަމުން އެ ދައުވަތު ޤަބޫލުކޮށް، އެ ރަށަށް ބަދަލުވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު ހަނިމާދޫ ކައުންސިލުން މިހާރު ވަނީ ހުޅުވާލާފައެވެ.
ހަނިމާދޫ
ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހޯރަފުށީ ކައުންސިލުގެ އާންމު
ޖަލްސާއެއްގައި ނިންމި ނިންމުމެއްގެ ދަށުން ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހޯރަފުއްޓަށް
ބަދަލުވާން އެދޭ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ.
އެހެންކަމުން
ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ ފަރާތްތަކުން 24 ޖޫންއިން ފެށިގެން 30 ދުވަހުގެ ތެރޭގައި
ކުރީގެ ހިރިމަރަދޫ ކައުންސިލް އިދާރާ އަދި މިހާރުގެ ހަނިމާދޫ އަވަށު އޮފީހުގައި ނަން
ނޯޓުކުރުމަށް އިއުލާނުގައި ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން
ރާއްޖެއެމްވީން ސުވާލު ކުރުމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު އަސްފާމް
ވިދާޅުވީ، ހޯރަފުއްޓަކީ ކުދި އާބާދީތަކުން އެ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް
އަބަދުވެސް މަރުޙަބާ ކިޔާ ރަށެއް ކަމަށެވެ. އަދި ކައުންސިލުން އަމިއްލައަށް އިސްނަގައިގެން
އެ ދައުވަތު ދީފައިވަނީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން
ހަތިފުށި އަދި ބެރިންމަދޫ ރައްޔިތުންނަށްވެސް ދައުވަތުދީ މަރުޙަބާ ކިޔާފައިވާ ކަމަށް
އޭނާ ފާހަގަކުރެއްވިއެވެ.
އަސްފާމް
ވިދާޅުވި ގޮތުގައި މިއީ ނިމިދިޔަ ކައުންސިލުން 27 މާރޗު 2026 ގައި ބޭއްވި ކައުންސިލު
ބައްދަލުވުމެއްގައި ނިންމި ނިންމުމެކެވެ. އަދި 28 މާރޗު 2026 ގައި ސިޓީއެއް
ފޮނުވައި، ހޯރަފުއްޓަށް ބަދަލުވާން ބޭނުންވާ މީހުންނަށް ދައުވަތު ދީފައިވާ ކަމަށް
އޭނާ ވިދާޅުވިއެވެ.
އެހެންކަމުން
މިހާރު ހަނިމާދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގެ ދަށުން ރައްޔިތުން، ނަން ނޯޓުކުރުމުން
އެކަމުގައި ހޯރަފުށި ކައުންސިލުން ވާންޖެހޭ ތައްޔާރީތައް ކައުންސިލުން ކުރިއަށް ގެންދާނެ
ކަމަށާއި، އެކަމުގައި ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް ކައުންސިލުން ކުރާނެ ކަމަށް
އޭނާ ވިދާޅުވިއެވެ.