ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޑީޕީ ސަރުކާރުން އިމާރާތްކުރި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ "އަމާން" ފްލެޓުތަކުގައި ކުނި އުކާލުމަށް ބޭނުންކުރާ ގާބެޖް ޝޫޓް ހަރުނުކުރާ މައްސަލައިގައި، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ އެވެ.
މި މައްސަލައިގައި މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސުވާލުގެ ނޯޓިސްގައި އެދިވަޑައިގެންފައިވަނީ، މިދިޔަ ސަރުކާރުން އިމާރާތްކުރި 4،000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތަކުގައި ކުނި އުކާލުމަށް ހާއްސަ ގާބެޖް ޝޫޓް ހަރުނުކުރަން ނިންމި ސަބަބު ސާފުކޮށްދިނުމަށެވެ.
މެންބަރުގެ ސުވާލުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ކަންތައް ހުރިގޮތުން ގޭބިސީތަކުން އުފެދޭ ކުނި ތިރިއަށް ގެންދަންޖެހެނީ ލިފްޓުގަ އެވެ. މީގެ ސަބަބުން އިތުރު މީހުންނާއެކު ކުނި ކޮތަޅުތައް ހިފައިގެން ލިފްޓުގައި ދަތުރުކުރަން ޖެހުމުން އެހެން މީހުންނަށް އުނދަގޫވުމުގެ އިތުރުން، މިއީ ސިއްހީ ގޮތުންނާއި ސާފުތާހިރުކަމުގެ ގޮތުން ބަލާއިރުވެސް އެންމެ އެދެވޭ ގޮތެއް ނޫންކަން މެންބަރު ވަނީ ފާހަގަކުރައްވާފަ އެވެ.
ކުރީ ސަރުކާރުން މި ފްލެޓުތައް ފަރުމާކޮށްފައިވަނީ ގާބެޖް ޝޫޓް ހަރުކުރާ ގޮތަށެވެ. އަދި އެ ފްލެޓުތަކުގެ ނަމޫނާ އެޕާޓުމެންޓުތައް ނޫސްވެރިންނަށް ދައްކާލި ދުވަހުވެސް،ގާބެޖް ޝޫޓް ހަރުކުރަން ހަމަޖެހިފައިވާ ގޮޅިތައް ދައްކާފައިވެ އެވެ. ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވެ، ގިނަ ދުވަސްތަކެއް ފަހުން ފްލެޓްތައް ހަވާލުކުރި އިރުވެސް ގާބެޖް ޝޫޓް ހަރުކޮށްފައެއް ނުވެ އެވެ.
މިކަމުގެ ސަބަބުން ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ، ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަމަށް މި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.