މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާސަންގެ މަޤާމަށް ސަޢާދާ އިބްރާހިމް އައްޔަނު ކުރައްވައިފި އެވެ.

ސަޢާދާ މި މަޤާމަށް އައްޔަނު ކުރެއްވިކަން ހާމަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކޮށް ވަކިކުރުމުގެ ބާރު އޮންނަ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

ޕީސީބީން ބުދަ ދުވަހު ބުނީ އެމްޓީސީސީގެ ޗެއަރޕާސަން ކަމުގެ މަޤާމަށާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް ދަޕްތަރު ނަންބަރު ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނު ކުރައްވާފައިވާ ކަމަށެވެ. އެމްޓީސީސީގެ ޗެއަރޕާސަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު އަފީފް ޙުސައިން، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ބަދަލު ގެނެސްފައިވާކަން ޕީސީބީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ ސ. ހުޅުދޫ، ރިވާސައިޑް، އަހްމަދު ނާސިފް އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދަ ބޮޑެތި ބަދަލުތަކެއް އަވަސް އަވަހަށް ގެންނަވަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ކުންފުނިތަކުގެ އިސް މަޤާމުތަކަށް މިފަދަ ބަދަލުތައް ގެނައި ނަމަވެސް، ކުންފުނިތަކުގެ ހިންގުން ދުވަހެއް ދުވަހަކަށް ދަނީ ދޯދިޔާވަމުންނެވެ.

ކުންފުނިތަކުގެ ބޯޑަށް މި ގެނައި ބަދަލަކީ އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ ފަރާތްތައް ތަކުރާރުކޮށް ބަދަލުކުރަމުންދާތީ، އެއީ ކުންފުނިތަކުގެ ހިންގުމަށް އެޅޭ ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.