ކޭސް ކުރެވިފައިވާ ބަނގުރަލުގެ 21 މައްސަލައެއްގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި އެވެ. 

މިތަކެތި ނައްތާލީ ބުދަ ދުވަހު ދޫނިދޫގަ އެވެ. 

ފުލުހުން ބުނީ، އެ ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރާ ނައްތާލާފައިވާ ކަމަށެވެ.

ދޫނިދޫގައި ނައްތާލައިފައި ވަނީ ބްރޭންޑެޑް ފުޅީގެ 364 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 78 ފުޅި ބަނގުރަލާއި 25 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމް ކަމަށް ފުލުހުން ބުނެ އެވެ. އަދި މިތަކެއްޗަކީ 13 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 21 މައްސަލައެއްގައި ހިމެނޭ ބަނގުރާ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ އެޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. 

ދޭތެރެދޭތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ބަނގުރާ، ސިނގިރޭޓް، ވޭޕް އަދި މަސްތުވާތަކެތި މިގޮތަށް ނައްތާލަ އެވެ.