ރައްޔިތުންގެ
މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރުމުގައި މައިނޯރިޓީ ނުވަތަ އިދިކޮޅު
ޕާޓީތަކަށް ލިބެންޖެހޭ ފުރުސަތުތަކަށް ހުރަސްއަޅައި، ސަރުކާރު ހިންގާ ޕީއެންސީން މަޖިލީހުގެ
ތެރޭގައި ޖެއްސުން ކުރަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ތުހުމަތުކޮށްފިއެވެ.

އެމްޑީޕީން
މިހެން ބުނެފައިވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

ނާޒިލް ވިދާޅުވީ
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް މަޖިލީހުގެ ރަނގަޅު ކޮމިޓީއަކުން
ޖާގަ ދެވޭނީ، މަޖިލީހުގެ ތަޅުމުގައި ސޯބެ އަމަލުކުރައްވާ ގޮތް ނުވަތަ "ޕަރފޯމް"
ކުރައްވާ ގޮތް ބެލުމަށްފަހު ކަމަށް ޕީއެންސީގެ މެމްބަރުން ބުނެފައިވާ ކަމަށެވެ. ނަމަވެސް
ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން އެދޭ ނުވަތަ އެބޭފުޅުން ރުހޭހާ ގޮތަކަށް މަޖިލީހުގައި
ސޯބެ އަމަލުކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މަޖިލީހުގެ
ގަވާއިދާއި އުސޫލުތަކަށް ރިއާޔަތްކުރާއިރު، މަޖިލީހުގެ ރޭޝިއޯ އޮންނަ ގޮތުން އިދިކޮޅު
އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބެންޖެހޭނެ ކަމަށް ނާޒިލް ފާހަގަކުރެއްވިއެވެ.
ނަމަވެސް މިހާރު ޖާގަ ދީފައިވަނީ މަޖިލީހުގެ މަސައްކަތްތައް އެންމެ މަދުން ހިނގާ އަދި
އެންމެ ހަރަކާތްތެރިކަން ކުޑަ ދެ ކޮމިޓީން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ މައިނޯރިޓީއަށް
ލިބެންޖެހޭ ހައްގުތަކަށް އަރައިގަތުން ކަމަށްވެސް ނާޒިލް ސިފަކުރެއްވިއެވެ.

ނާޒިލް އިތުރަށް
ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް ބޭނުންހާ ގޮތެއް
ނުހެދޭނެ ކަމަށާއި، އުސޫލުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ލިބެންޖެހޭ ހައްގުތަކެއް
އޮންނާނެ ކަމަށެވެ. މަޖިލީހުގެ ތެރެއިން އިދިކޮޅު މެމްބަރުންނަށް ޖެއްސުން ކުރަމުންދާ
ދިއުމުގައި އެމްޑީޕީން ދޫދޭން ބޭނުން ނުވާ ކަމަށާއި، ހައްގުތައް ހޯދުމަށް މަސައްކަތް
ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  މައިނޯރިޓީއަށްވެސް ފުރުސަތު ދޭންޖެހޭނެ، ނަމަވެސް ފެންނަނީ ޖެއްސުން ކުރާތަން، އެހެންވީމާ އަޅުގަނޑުމެންވެސް ދޫދޭކަށް ނެތިން، ބޭނުންހާ ގޮތެއް ނުހެދޭނެ، އަޅުގަނޑުމެންނަށްވެސް އުސޫލުގެ ތެރެއިން ލިބެންޖެހޭ ޙައްޤުތަކެއް އޮންނާނެ
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

މިނިވަން
މުއައްސަސާތަކުގެ ކޮމިޓީއާއި އެންވަޔަރމަންޓް ކޮމިޓީން އެމްޑީޕީއަށް ޖާގަ ދޭނެ ކަމަށް
ކުރިން ބުނެފައިވީ ނަމަވެސް، މިހާރު ފެންނަނީ އެ ފުރުސަތު ނުދީ ހިފަހައްޓަން އުޅޭ މަންޒަރު
ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖު ކުރުމުން،
މުޅި އެމްޑީޕީގެ ޕީޖީ ގްރޫޕު މަޖިލީހުގެ ތަޅުމުން ބޭރުކޮށްފައިވާ ކަމަށްވެސް އޭނާ
ފާހަގަކުރެއްވިއެވެ.