ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައަށް ކުޑަ ކުރުމަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ. 

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ.

މެންބަރު ހުށަހެޅުއްވި ބިލުގައި ބުނީ ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުމުގެ ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް ގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަކީ 4 ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 އިންސައްތަ ކަމަށް ހަމަޖެއްސުން ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރު ކޮށްފައިވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗުގެ އިތުރުން އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުން ކަމަށެވެ.

ބިލުގައި ވަނީ ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފަ އެވެ. 

އެ ބިލުގެ ބަހުސް ބުދަ ދުވަހު ފެށުމަށްފަހު ބުދަހު ދުވަހު ނިންމާލުމަށްފަހު ބިލު ބަލައިގަތުމާ މެދު ވޯޓަށް އަހާފައިވެ އެވެ. އެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު ބިލު ދިރާސާ ކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީ އަށް ފޮނުވާފަ އެވެ. 

2024 ވަނަ އަހަރުގެ ނޮވެމްބަރު 1 އިން ފެށިގެން ސަރުކާރުން ނިންމީ ސިނގިރޭޓުން ނަގާފީ 50 އިންސައްތަ އަދި ކޮންމެ ސިނގިރޭޓަކުން 8 ރުފިޔާ ބޮޑުކުރުމަށެވެ. އަދި ބިޑިން 50 އިންސައްތަ އަދި ކޮންމެ ބިޑިއަކުން 8 ރުފިޔާ އިތުރުކުރުމަށާއި، އީސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރަން ބޭނުންކުރާ އާލާތްތަކަށް އަޅާ ފްލޭވަރ އިން 50 އިންސައްތަ އަދި މިލިލީޓަރަކަށް 8 ރުފިޔާ ބޮޑުކޮށްފައި ވެ އެވެ.

އޭގެ އިތުރުން ހީޓެޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ކޮންމެ ސްޓިކަކުން 8 ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. 

ދުންފަތުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރަން ސަރުކާރުން ނިންމި އިރު، ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިތާ މަހެއްހާ ދުވަސް ނުވަނީސް، އެ ނިންމެވުމާ ދެކޮޅަށް ސަރުކާރުން "ޔޫޓާން" އެއް ނެގުމާ ގުޅިގެން އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ސަރުކާރުން ކޮންމެ ކަމެއްގައިވެސް ޔޫޓާން ނަގަމުންދާކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ. 

މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމަށްފަހު އަލުން ކުޑަކުރަން އުޅުމަކީ ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށްވެސް ގިނަ ބަޔަކު ފާހަގަކުރެ އެވެ.