ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީ އަށް ދޭން ޖެހޭ ޖާގަ ދިނުމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އިން އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރުމުން އެމްޑީޕީ ގެ 9 މެންބަރެއްގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފި އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނަން އިއްވާ ތަޅުމުން ބޭރު ކޮށްފައިވާ 9 މެންބަރުންނަކީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ބުދަ ދުވަހުގެ ޖަލްސާގައި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާ، އިދިކޮޅު އެމްޑީޕީ މެންބަރުން ހޫނު ބަހުގެ ހަލަމާތައް އެއްބަޔަކު އަނެއްބަޔަކަށް އަމާޒު ކޮށްފައިވާއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އިއްވި ވަގުތު މެންބަރު ނާޒިލް ވަނީ ކޮމިޓީތަކުން އިދިކޮޅަށް ޖާގަދީފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި މެންބަރު ވަނީ ތަކުރާރު ކޮށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު އަށް ކޮމިޓީތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ނުވާތީ ކަންބޮޑުވުން ފާޅު ކޮށް އަޑު އުފުލާފަ އެވެ. 

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މެންބަރަށް ނަސޭހަތްތެރިވެފަ އެވެ. ތަކުރާރު ކޮށް، މެންބަރަށް ރިޔާސަތުން ނަސޭހަތްތެރިވުމަށް ފަހު ވެސް މެންބަރު ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާއެކު ރިޔާސަތުން ވަނީ މެންބަރުގެ ނަން އިއްވާފަ އެވެ. 

ނާޒިލްގެ ނަން އިއްވުމާއެކު އެވަގުތު ތަޅުމުގައި ތިބި އެމްޑީޕީގެ ބާކީ 8 މެންބަރުން ވެސް ވަނީ އިހުތިޖާޖުކޮށް، އަޑު އުފުލާފަ އެވެ. އެހެންކަމުން ރިޔާސަތުން ވަނީ އެ އަށް މެންބަރުންނަށް ވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ. އަދި މެންބަރުންގެ ކަންބޮޑުވުންތަކަށް އަބްދުއްރަހީމް ވަނީ ވަރަށް ރުންކުރު ކޮށް ޖަވާބު ދެއްވާ، ތަޅުމުން ނެރޭނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގަ ބުނަނީ 2 ކޮމިޓީ އަކުން ޖާގަ ދޭން ޖެހޭނެ ކަމަށް. އެއީ އެމްޑީޕީ އިން ބޭނުންވާ 2 ކޮމިޓީ އަކަށް ވާކަށް ނުޖެހޭނެ. 2 ކޮމިޓީގެ ޖާގަ އޮންނާނީ ދީފަ. 
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އެއަށްފަހު އަބްދުއްރަހީމް ވަނީ ފަހަރަކު މެންބަރެއްގެ ނަން އިއްވައި 9 މެންބަރުން ވެސް ތަޅުމުން ބޭރު ކޮށްފަ އެވެ. 

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ ގަވާއިދުގައި ބުނާ ގޮތަށް އިދިކޮޅަށް ދޭން ޖެހޭ ޖާގަ މަޖިލީހުން ދޭން ޖެހޭނެ ކަމަށެވެ. އަދި އަލަށް ހުވާ ކުރެެއްވި މެންބަރު ސޯދިގަށް މަސައްކަތް ނުކުރެވޭނެހެން ކޮމިޓީތަކުން ޖާގަ ދީފައި ނުވަނީ އިދިކޮޅުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.