ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އައްޔަނު ކުރެއްވި ހަސަން ޒަރީރަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

ޖޫން މަހުގެ 8 ވަނަ ދުވަހު އެ މަގާމަށް ޒަރީރު އައްޔަނު ކުރައްވާފައިވާއިރު ފިނޭންސް މިިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެންގެންނެވެ. 

ފިނޭންސް މިނިސްޓަރަކަށް އައްޔަނު ކުރައްވާފައިވާ ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އިން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ. މެންބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ. 

އެ ހުށަހެޅުން ފާސްވީ ކޮމިޓީ އަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.  

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީ ރިޕޯޓު ހުށަހަޅައި، އެއަށް ބަހުސް ކޮށްފައި ވެ އެވެ. އަދި މަޖިލީހުން މިނިސްޓަރަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާފައި ވެ އެވެ. ޒަރީރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

އެ މަގާމަށް އައްޔަނު ކޮށްފައިވާ ޒަރީރު އެ މަގާމާ ހަވާލުވުމާއި ހަމައަށް އޭނާ ހުންނެވީ ކޮމިޝަނާރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި މީރާގެ އިސްވެރިޔާގެ ގޮތުގަ އެވެ. ޒަރީރަކީ ކޮލިފައިޑް ޗާރޓަރ އެކައުންޓެންޓަކަށް ވުމުގެ އިތުރުން އެކައުންޓިންގް އަދި ފައިނޭންސްގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރައްވާފައިވެ އެވެ.