ސްޓޭޓް ޓްރޭޑިން
އޯގަނައިޒޭޝަންގެ ފާމަސީތައް ތިން ދުވަހަށް ބަންދުކުރުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން
މައުލޫމާތުދޭ ގޮތުގައި މި ނިންމުން ނިންމީ އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް
ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ
މަސައްކަތް ކުރިއަށްދާތީއެވެ.
އެސްޓީއޯއިން
އާންމުކުރި މައުލޫމާތުގައި ބުނީ، މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު ފާމަސީތައް
ބަންދުވާނެ ކަމަށާއި، ބަންދުކޮށްފައި ހުންނަ މުއްދަތުގައި އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ
ކައުންޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އެހެންނަމަވެސް
އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯއިން
ހާމަކުރިއެވެ.
މި މަސައްކަތް
ނިމުމުން ފާމަސީތަކުގެ ޚިދުމަތް ދީ، ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ
ޚިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށް
އެސްޓީއޯއިން ބުނެއެވެ. މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ
500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެއެވެ.
ފާމަސީތަކުގެ
ހިންގުން އާ ކުންފުންޏަކަށް ބަދަލުކުރުމުގެ މި މަސައްކަތަކީ ސަރުކާރުން ބޭސްގެ ޚިދުމަތް
ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބުނިނަމަވެސް، މި ބަދަލާއެކު
ބޭސްގެ ޚިދުމަތް ދިނުން ރަނގަޅުވެ، ރައްޔިތުންނަށް ބޭސް ލިބުން ފަސޭހަވާނެ ކަމާމެދު
ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. ވަކިން ޚާއްސަކޮށް ބޭހުގެ
ދަތިކަމުގެ މައްސަލަ ޙައްލުކުރުމުގައި ސަރުކާރަށް މިހާތަނަށްވެސް އެކަށީގެންވާ
މަސައްކަތްތަކެއް ކުރެވިފައިނުވާތީ ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.