ދުނިޔޭގެ އެންމެ ފުރަތަމަ "އޯޓިޒަމް-ސެޓިފައިޑް" އެއަރލައިންގެ ލަގަބު ހޯދާފައިވާ އެމިރޭޓްސްއިން، ރާއްޖޭގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި ފުރަތަމަ ފަހަރަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމިރޭޓްސްއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ޓްރެވަލް ރިހާސަލް ރާއްޖެއަށް ތައާރަފުކުރުން
އެމިރޭޓްސްއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ޓްރެވަލް ރިހާސަލް ރާއްޖެއަށް ތައާރަފުކުރުން

މި "ޓްރެވަލް ރިހާސަލް" ޕްރޮގްރާމަކީ ދަތުރުފަތުރު ކުރުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ވައިގެ މަގުން ދަތުރުކުރުމުގެ މަރުހަލާތައް އަމަލީގޮތުން ތަޖުރިބާކޮށްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ސިމިއުލޭޝަނެކެވެ. މި ޕްރޮގްރާމްގެ ސަބަބުން އެއަރޕޯޓުގެ އިޖުރާއަތްތަކާއި ބޯޓުގެ އެތެރޭގެ މާހައުލަށް ދުރާލާ އަހުލުވެރިވެ، އަސްލު ދަތުރެއް ކުރުމުގެ ކުރިން އުފެދޭ ނުތަނަވަސްކަން ކުޑަވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ. މިއީ އެމިރޭޓްސްއިން އިސްނަގައިގެން، އެއަރޕޯޓުގެ ކަމާބެހޭ ފަރާތްތަކާއި އެހެނިހެން ބައިވެރިންގެ އެހީތެރިކަމާއެކު މާލޭގެ އެއަރޕޯޓުގައި މިފަދަ ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރެވެ.

އެމިރޭޓްސްއިން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި މާލޭގެ އަމީނިއްޔާ ސްކޫލްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓާ ގުޅިގެންނެވެ. މި ހަރަކާތުގެ ދަށުން އޯޓިޒަމް ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޗެކް-އިން މަރުހަލާއިން ފެށިގެން ޑިޕާޗަރ ގޭޓާ ހަމައަށް ދަތުރުގެ ތަޖުރިބާ ހޯދައިދީފައިވެއެވެ. އެއަރޕޯޓާއި އެއަރލައިންގެ މުވައްޒަފުންގެ އެހީތެރިކަމާއެކު، ދަރިވަރުންނާއި އާއިލާތަކުން ވަނީ ޗެކް-އިން، ސެކިއުރިޓީ އަދި ޑިޕާޗަރ ލައުންޖުގެ މަރުހަލާތައް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، އިމިގްރޭޝަން މަރުހަލާއާއި، ފޮށިތަންމަތި ނެގުމާއި، "މީޓް އެންޑް ގްރީޓް" ގެ ކަންކަން ކުރިއަށްދާގޮތްވެސް އެފަރާތްތަކުން ތަޖުރިބާކުރިއެވެ. މި މަރުހަލާތަކުގައި ހާއްސަކޮށް ކަނޑައެޅިފައިވާ އޮފިސަރުން ވަނީ އާއިލާތަކުން ކުރި ސުވާލުތަކަށް ޖަވާބުދީފައެވެ.

އެމިރޭޓްސްއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޖާބިރު މުހައްމަދު ވިދާޅުވީ، ނިއުރޯޑައިވަރޖެންޓް ނުވަތަ ސިކުނޑީގެ ކުރިއެރުމުގައި ތަފާތުތަކެއް ހުންނަ ފަރާތްތަކަށް ދަތުރުފަތުރުގައި ދިމާވާ ނުތަނަވަސްކަން ކުޑަކޮށްދިނުމަށް "ޓްރެވަލް ރިހާސަލް" އިސްނެގުން ރާއްޖެއަށް ތައާރަފު ކުރެވުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އެމިރޭޓްސްގެ ވިއުގަ ފެތުރިފައިވާ އެކި ގައުމުތަކުގައި މި ޕްރޮގްރާމް ހިންގަމުންދަނީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި އަދި އެހީތެރިކަން ލިބޭނެ ފަދަ ގޮތަކަށް ދަތުރުގެ ސިމިއުލޭޝަނެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެމް.އޭ.ސީ.އެލް އިން ދިން އެއްބާރުލުމަށާއި އަމީނިއްޔާ ސްކޫލްގެ ބައިވެރިވުމަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގައި މި މަސައްކަތް ފެށުމުގައި އެމިރޭޓްސް އެއަރޕޯޓް ސަރވިސަސްގެ މެނޭޖްމަންޓާއި ޓީމުން ކުރި ފާހަގަކޮށްލެވޭ މަސައްކަތްތައްވެސް އޭނާ ބަލައިގަތެވެ.

އެމިރޭޓްސްއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ޓްރެވަލް ރިހާސަލް ރާއްޖެއަށް ތައާރަފުކުރުން

އެމިރޭޓްސްއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ ޓްރެވަލް ރިހާސަލް ރާއްޖެއަށް ތައާރަފުކުރުން

އެންމެނަށް ބައިވެރިވެވޭނެ ދަތުރުފަތުރުގެ ނިޒާމެއް
އެމިރޭޓްސްގެ 35،000 އަށްވުރެ ގިނަ ކެބިން ކްރޫއިންނާއި ގްރައުންޑް ސްޓާފުން އޯޓިޒަމާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ފުރިހަމަކުރުމާ ގުޅިގެން، އެ އެއަރލައިން ވެފައިވަނީ ދުނިޔޭގެ އެންމެ ފުރަތަމަ "އޯޓިޒަމް-ސެޓިފައިޑް" އެއަރލައިނަށެވެ. މި ތަމްރީނު ޕްރޮގްރާމްގެ ސަބަބުން މުވައްޒަފުންނަށް އޯޓިޒަމް ސްޕެކްޓްރަމްއާ ބެހޭ ފުން މައުލޫމާތާއި، އާންމުކޮށް ހުންނަ ކުށްހީތަކާއި، ދަތުރުމަތީގައި ދިމާވާ ގޮންޖެހުންތަކުގެ އިތުރުން، ކޮންމެ ފަސިންޖަރެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތުގެ އުސޫލުތައް ދަސްވެގެންދެއެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން، އެމިރޭޓްސްގެ އެއަރޕޯޓް ސަރވިސަސް ޓީމުތަކުން ވަނީ ދުބާއީގެ ހަބްގެ އިތުރުން ޔޫރަޕް، އެފްރިކާ، އޭޝިއާ، އޮސްޓްރޭލޭޝިއާ އަދި އެމެރިކާ ބައްރުގެ އެކި އެއަރޕޯޓުތަކުގައި މިފަދަ 40 އަށްވުރެ ގިނަ "ޓްރެވަލް ރިހާސަލް" ބާއްވާފައެވެ.

މިހާތަނަށް މިފަދަ ރިހާސަލްތައް ބާއްވާފައިވާ ސިޓީތަކުގެ ތެރޭގައި އަކްރާ، އަންޓަނަނަރީވޯ، އެތެންސް، ބާލީ، ބާސެލޯނާ، ބޮލޯނިއާ، ބްރަސަލްސް، ކްރައިސްޓްޗާޗް، ދަނަންގް، ދިއްލީ، ދުބާއީ، ޑަބްލިން، ޑާބަން، ޑުސެލްޑޯފް، އެޑިންބަރާ، ގްލާސްގޯ، ގުއަންޒޯ، ހަރާރޭ، ހޮންކޮންގް، އިސްތަންބޫލް، ލަންޑަން، މެޑްރިޑް، މިލާން، ނިއުކާސަލް، ނީސް، އޯލަންޑޯ، އޮސްލޯ، ޕެރިސް، ޕެޝާވަރު، ޕޯޓް ލުއިސް، ރޯމް، ސްޓެންސްޓެޑް، ސްޓޮކްހޯމް، ސިޑްނީ، ޓޮރޮންޓޯ، ވެނިސް، ވިއެންނާ، ވޯސޯ އަދި ޒެމްބިއާ ހިމެނެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ އެ ސިޓީތަކުގެ ލޯކަލް ޖަމިއްޔާތަކާއި، ސްކޫލްތަކާއި އެއަރޕޯޓް ޓީމުތަކާ ގުޅިގެންނެވެ.