ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް، އެ އަގުބޮޑު ކުރީ ކޮންމެހެން އޭގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ގެއްލުން ވާތީ ނޫން ކަމަށާ އެކަން މި ސަރުކާރުން ކުރީ ވައްކަމުގެ މާކެޓެއް އުފައްދަން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދުންފަތުން ނަގާ ޑިއުޓީ 50 އިންސައްތަ އިން ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ ރައްޔިތުންނަކީ ސަރުކާރުތަކުން ބޭނުންހާ ގޮތެއް ހެދުމަށް ތިބޭ ބައެއް ނޫން ކަމަށެވެ. 

ކަމެއް ކުރާނަމަ އެކަމެއް ކުރަން ވާނީ ދިރާސާތަކެއް ކޮށް، އެކަމުގެ ނަތީޖާ ގެ މައްޗަށް ކަމަށާ މި ސަރުކާރުން ދުންފަތުފެ އަގު ބޮޑު ކުރީ ރައްޔިތުންނަށް ހެޔޮ އެދިގެން ނުވަތަ އެކަމުން ގެއްލުމެއް ލިބޭތީ ނޫން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.   

ހިތަށް އެރިހާ ގޮތަކާށް ހިތަށް އެރިހާ ކަމެއް ކުރަންވީމާ ދެން ޖެހޭނީ މިކަހަލަ ހިތި ބޭސް ބޯން. މި ނޫން ކަމެއް މި ސަރުކާރުން ކުރޭތޯ. ސިނގިރޭޓް އަގުހެޔޮ ކުރީ، އެއްވެސް ހާލެއްގައި ސިނގިރޭޓް ބޯތީ އުނދަގޫވެގެނެއް ނޫން.  އަގުބޮޑުކޮށްފައި ވައްކަމުގެ މާކެޓެއް އުފެއްދީ. 40 ފޫޓުުގެ 50 ކޮންޓެއިނަރު ވަގަށް މި ގައުމަށް އެތެރެވެއްޖެ. އެއީ ސިނގިރޭޓު އަގުބޮޑުކުރުމުގެ ބޭނުމަކީ. ކަސްޓަމްސްގެ އާމްދަނީން 2 ބިލިއަން ރުފިޔާ، މި ސަރުކާރު ބައިވެރިވެގެން ކަސްޓަމުން ވައްކަން ކޮށްފި. މިއީ މިގައުމުގެ ތާރީޚުގައި ދުވަހަކުވެސް ހިނގާފައި ނެތް ވަރުގެ ވައްކަން. އެކަން ކުރުމަށްޓަކައި ސިނގިރޭޓް އަގުބޮޑު ކުރީ. 
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މިއަދު މި ސަރުކާރަށް އެއްޗެއް ވިސްނޭނެ ކަމަށާ، ހިތަށް އެރި ގޮތަކަށް ބޭނުން ކަމެއް ކުރީމާ މިއަދު މި ސަރުކާރަށް އެވަނީ ހިތިބޭސް ބޯން ޖެހިފައި ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ޣަފޫރު ވިދާޅުވީ ދުންފަތުގެ އަގުބޮޑު ކުރަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުންގެ ފުރިހަމަ ސިއްހަތަށްޓަކައި ކުރާ ކަމެއް ކަމަށާ މިއަދު އަގުހެޔޮ ކުރަމުން ވެސް  އެ ވިދާޅުވަނީ އެހެން ކަމަށެވެ. އެހެންކަމުން މިއީ ފެންހިފޭ ސަރުކާރެއް ނޫންކަން މިއަދު ވަރަށް ރަނގަޅަށް ހާމަވާ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އޭގެ އިތުރުން މެންބަރު ވިދާޅުވީ ކޮންމެ ދުވަހަކީ ކަސްޓަމުން ވޭޕް ކޮންޓެއިނަރެއް، ވަގަށް ބޭރުވާ ދުވަހެއް ކަމަށެވެ. މިއީ އެމްޑީޕީ މީހުން ކުރާ ކަމެއް ނޫން ކަމަށާ މިކަން ކުރަނީ މި ސަރުކާރު ބައިވެރި ވެގެން ކަމަށް ވެސް މެންބަރު ތުހުމަތު ކުރެއްވި އެވެ. އަދި ިމިއީ ރައްޔިތުންގެ ފައިސާ އިން ކުރާ ވައްކަމެއް ކަމަށް ވެސް ޣަފޫރު ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައި ވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އެވެ. އެ ބިލުގައި ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 އިންސަތައިން ކުޑަ ކުރުމަށް ހުށަހަޅާފަ އެވެ.