މަސްވެރިކަމުގެ
ސިނާއަތަށް ޒުވާނުން ޝައުޤުވެރި ނުވާ އެއް ސަބަބަކީ ކުރީ ސަރުކާރުތަކުން ރަށްރަށުގައި
އުޅޭ މީހުންނަށް ދީފައިވާ ވަޒީފާތައްކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ
ސިނާއަތުގައި ބިދޭސީން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިއަކު
ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިފަދަ ސިނާއަތްތަކަށް ދިވެހިން
ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށާއި ވަކިން ޚާއްސަކޮށް މަސްވެރިކަމުގެ
ސިނާއަތަށް ދިވެހިން ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.

މިނިސްޓަރ
ވިދާޅުވީ، މަސްވެރިކަމަކީ ވަރަށް ތަފާތު މަސައްކަތެއް ކަމަށާއި ދިވެހިން ވާނީ ދޮށީގެ
މަސްވެރިކަމުގައި ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކުރާ ޤައުމަކަށް
ކަމަށެވެ. ނަމަވެސް މިއަދު ދިވެހިން މި ސިނާއަތަށް ގެނައުމަށް ގޮންޖެހުންތައް އެބަހުރިކަމަށް
އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން
ސޒުވާނުން މި ސިނާއަތަށް ޝައުޤުވެރިކަން އިތުރު ކުރުމަށް ސަރުކާރުން ޕްރޮގްރާމްތަކެއް
ހިންގަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ފަސް ޒުވާނަކު ހިމަނައިގެން ޕްރޮގްރާމެއް
ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ޕްރޮގްރާމްތައް މެދުނުކެނޑި
ކުރިއަށް ގެންދިއުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޒުވާނުން
މި ސިނާއަތަށް ޝައުޤުވެރިނުވާ ސަބަބުތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ،
މީގެ ކުރީ ސަރުކާރުތަކުން މިފަދަ ސިނާއަތްތަކަށް ނުބަލައި ވަޒީފާތައް ދީފައި ހުރުމަކީ
އެއް ސަބަބު ކަމަށެވެ. އަނެއް ސަބަބަކީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ނުވުން
ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

  ޒުވާނުން މި ސިނާއަތަށް ޝައުޤުވެރިނުވާ ސަބަބުތައްވެސް އެބަހުރި، އެގޮތުން ބައެއް ކުންފުނިތަކުން މީގެ ކުރިން އެއްވެސް ވަރަކަށް ބެލުމެއްނެތި، ކެޔޮޅެއްތޯ ރަނގަޅު ފަޅުވެރިއެއްތޯ ނުބަލައި ވަޒީފާތައްދޭއިރު، ސިޔާސީ މަންފާ ޙާސިލުވާނެ ގޮތަކަށް އެކަންކަން ކުރެވިފައި ހުރީ، ރަށުތެރެއިން ބައިވަރު ވަޒިފާ މިފަދަ ސިނާއަތްތަކަށް ނުބަލައި ދީފައި ހުރުން އެއީ މައިގަނޑު އެއް ސަބަބު،  
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މިނިސްޓަރ
ވިދާޅުވީ އެތައް ޒަމާނެއް ވަންދެން މަސްވެރިކަން ކުރާއިރުވެސް ބޭންކިންގ އަދި ފައިނޭންސިންގ
ދާއިރާއިން މަސްވެރިންނަށް ގިނަ ގޮންޖެހުންތަކެއް ހުންނަކަމަށެވެ.

އެހެންވެ
ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން މަސްވެރިން ދަފްތަރުގައި ޖައްސައި ދައުލަތް ދަންނަ
ބަޔަކަށް މަސްވެރިން ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ
ވިދާޅުވިއެވެ. އަދި ވިދާޅުވީ، މި މަސައްކަތްތަކުގެ ސަބަބުން މަސްވެރިންނަށް ބޭންކިންގ
އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ލިބުން ފަސޭހަވެގެންދާނެ ކަމަށް ބެލެވޭކަމަށެވެ.

މަސްވެރިކަމުގެ
ސިނާއަތަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތެކެވެ. މި ސިނާއަތުގައި
ބިދޭސީންގެ ބަރޯސާވުން މަދުކޮށް ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް
ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމުގެ ކަންބޮޑުވުން އެކި
ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.