ސޮހޯ މަންޑެއްޔަކަށް ނުވަތަ (އެއްވެސް ކަމެއް ނުދަންނަ މީހަކަށް) ވެރިކަން ދިނުން މާ ނުރައްކާކަން ދިވެހިންނަށް މިއަދު އެނގެމުންދާކަމަށް ރައްޔިތުންގެ
މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ
މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ، އެއްވެސް ކަމެއް ނުދަންނަ
މީހަކަށް ވެރިކަން ދިނުމުގެ ނަތީޖާ މިއަދު ރާއްޖޭގައި ފެންނަމުންދާ ކަމަށެވެ.
މިއަދު ރާއްޖޭގައި
މުދަލުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލާއި،
ބޭހުގެ ސިޔާސަތަށް ގެނައި ބަދަލާއެކު އެ ދާއިރާތަކުން ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް
ކުރިމަތިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސިނގިރޭޓުގެ
އަގަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރިއިރުވެސް މިއީ ވަގު ސިނގިރޭޓުގެ
ބާޒާރެއް އުފެދިގެންދާނެ ކަމެއްކަމަށް މީހުން ބުނަމުންދިޔަ ކަމަށާއި، ނަމަވެސް އެ ދުވަހު
ސަރުކާރުން އެ ވާހަކަތައް އަޑުނާހައި މިހާރު އަނެއްކާވެސް މިވަނީ ސިޔާސަތު ބަދަލުކުރަން
ހުށަހަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ
އިތުރުން، މިއީ ސަރުކާރުން ހަދާފައިވާ އެކި ގޯސްތަކުގެ މިންވަރެއް ކަމަށާއި، މި ގޯސްތައް
ސަރުކާރުން ޤަބޫލުކޮށް، މި ކަންކަން މިއަދު ހުންނެވި ރައީސް ޑރ މުޙައްމަދު
މުއިއްޒު ޙައްލުކޮށްދެއްވަންވެސް ޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު
ހުންނެވި ރައީސްވެސް އަދުލުވެރިވެ އަމާނަތްތެރިވާން ޖެހޭ ކަމަށާއި އެއީ ވެރިއެއްގެ
ހުންނަންޖެހޭ އެންމެ އަސާސީ ސިފަތައް ކަމަށެވެ.
ހަމައެއާއެކު،
މަޖިލިސް މެމްބަރުންނަށް ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތެއް ނޫން ގޮތަކަށް ވާހަކައެއް
ނުދެއްކޭ ކަމަށާއި މެމްބަރުން ތިބީ އަޅުވެތިކަމެއްގައި ކަމަށްވެސް މެމްބަރު ޒިޔާދު
ވިދާޅުވިއެވެ.
މި
މޭރުމުން ވާހަކަ ދައްކަވަމުން މެމްބަރު އިތުރަށް ވިދާޅުވީ، މޮޔައެއްގެ އަތަށް ކަނޑިއެއް
ދިނުމަކީ އެންމެ ނުރައްކާ ކަމެއް ކަމަށް ދިވެހިންނަށް ކުރިން ހީވެފައި އޮތްނަމަވެސް،
ސޮހޯ މަންޑެއްޔަކަށް ވެރިކަން ދިނުން އަދި މާ ނުރައްކާކަން ދިވެހިންނަށް މިއަދު
އެނގެމުންދާކަމަށެވެ. ދިވެހި ބަހުގެ ރަދީފުގައި އޮންނަ ގޮތުނ ސޮހޯމަންޑެއްޔަކީ
އެއްވެސް ކަމެއް ނުދަންނަ މީހެކެވެ.
ދިވެހިންނަށް ކުރިން ހީވެފައި އޮތީ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމޭ އެންމެ ނުރައްކާ ކަމަކީ، ނަމަވެސް މިއަދު މި އެނގެނީ ސޮހޯ މަންޑެއްޔަކަށް (އެއްވެސް ކަމެއް ނުދަންނަ މީހަކަށް) ވެރިކަން ދިނުން އަދި މާ ނުރައްކާކަން.ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު
މެމްބަރު
ޒިޔާދު ވިދާޅުވީ ސަރުކާރުން ގެންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވަމުންދާ
ދަތިތަކަށް ސަރުކާރުން ޒިންމާވާންޖެހޭ ކަމަށާއި މި ކަންކަން ޙައްލުކުރުމަށް ސަރުކާރުން
ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.