ސްކޫލުތަކުގެ ނަން ބޭނުން ކޮށްގެން ޔޫނިއަންތައް ހަދައިގެން މަސައްކަތް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ އިސްކަންދަރު ސްކޫލުގެ ޓީޗަރުން، 'އިސްކަންދަރު ވޯރކާސް ޔޫނިއަން' ގެ ނަމުގައި އުފައްދާފައިވާ ޔޫނިއަން ބަލައި ނުގަންނާނެ ކަމަށާ އެ ޔޫނިއަންގެ އެއްވެސް ހަރަކާތެއް ސްކޫލުގައި ނުހިންގޭނެ ކަމަށް ސްކޫލުގެ ޕްރިންސިޕަލް ޔޫނިއަންގެ މަސްއޫލުވެރިޔާ އަށް އަންގާފައި ވަނީ ކޮން ގާނޫނެއްގެ ދަށުންތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ޔޫނިއަންގެ ނަމުގައި އިސްކަންދަރު ސްކޫލުގެ ނަން ބޭނުންކޮށްފައިވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އަދި އެއީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ. އެގޮތުން ސްކޫލެއްގެ ނަން އެގޮތަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ދިވެހި ދައުލަތުގެ ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ނަމެއް ނުވަތަ އެފަދަ ނަމަކާ އޮޅުންއަރާވާނެ ފަދަ ނަމެއް ޔޫނިއަންތަކަށް ނުކިޔޭނެ ކަމަށެވެ. 

އެހެންކަމުން އެ ޔޫނިއަން އަށް ހަރަކާތްތައް ނުހިންގޭނެ ކަމަށާ އެކަން ހުއްޓުވުމަށް ޔޫނިއަންތަކުގެ ރަޖިސްޓްރާއަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އިސްކަންދަރު ނަން ބޭނުން ކޮށްގެން މަޖީދިއްޔާގެ ނަން ބޭނުން ކޮށްގެން އަމީނިއްޔާގެ ނަން ބޭނުންކޮށްގެން އަދި އެހެން ސްކޫލެއްގެ ވެސް ނަން ބޭނުންކޮށްގެން އެފަދަ ޔޫނިއަން އެއް އުފެއްދިދާނެ ކަމަށް. އެ ރަޖިސްޓްރީ ކުރެވިފައި ވަނީ އެންމެ ރަނގަޅު ގޮތުގައި ކަމަކަށް އަޅުގަނޑުމެން ނުދެކެން. އެ މައްސަލަ މިހާރު އަޅުގަނޑުމެން ވާނީ ޔޫނިއަންގެ ރަޖިސްޓްރާ އަށް ހުށަހެޅުމައްޓަކައި ތައްޔާރުވަމުން. ސްކޫލުގެ ޕްރިންސިޕަލް އަމަލުކޮށްފައި ވަނީ. ވަކިވަކި ނަންތަކެއް ހަދައިގެން ސްކޫލުތަކުގެ ނަންތައް ބޭނުންކޮށްގެން ފުރުސަތު ދޭކަށް ގަސްތު ނުކުރާ ވާހަކަ ދަންނަވަން. 
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ޔޫނިއަން ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން ޔޫނިއަނަކަށް ނުކިޔޭނީ ދައުލަތުގެ މުއައްސަސާއެއްގެ ނަމެކެވެ.

އޭގެ އިތުރުން އެ ޔޫނިއަން ގެ މަސައްކަތްތައް ހުއްޓުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އިރު 1 މެއި 2026 ގައި މިނިސްޓްރީ އޮފް ހޯމްލޭންޑް އިން އެ ޔޫނިއަން އަށް މޭ ޑޭ ގެ ރެލީގައި ބައިވެރިވުމަށް ދައުވަތު ދީފައިވާތީ އެ ޔޫނިއަން އަށް އެ ނަމުގައި ހަރަކާތްތެރި ވެވޭކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުން ދާކަން ފާހަގަ ވާ ކަމަށް މެންބަރު މައުރޫފް ވަނީ ވިދާޅުވެފަ އެވެ.