އެމިރޭޓްސް އެއަރލައިނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް "ޓްރެވަލް ރިހާސަލް" ޕްރޮގްރާމް އެއް ބާއްވައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށްގެންދިޔަ މި ހަރަކާތަކީ އޯޓިޒަމް ހުންނަ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ވައިގެ ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތް އަމަލީގޮތުން ދައްކާލައި، ދަތުރުކުރުމަށް އޮންނަ ނުތަނަވަސްކަން ކުޑަކޮށް، އިތުބާރު އުފެއްދުމަށް ހިންގި ޕްރޮގްރާމެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި އަމީނިއްޔާ ސްކޫލުގެ އިންކްލޫސިވް ސަޕޯޓް ޔުނިޓާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްތާމްގެ މަގްސަދަކީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އަސްލު ދަތުރު ފެށުމުގެ ކުރިން، އެއަރޕޯޓުގެ ތަޖުރިބާ ހޯދައި އެ މާހައުލަށް އަހުލުވެރިކުރުވުމެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ދަތުރުފަތުރުގެ މުހިންމު މަރުހަލާތައް ކަމަށްވާ ޗެކް-އިން ކުރުމާއި، ސެކިއުރިޓީ ސްކްރީނިންގ، ފުރުމުގެ އިޖުރާއަތްތައް، އިމިގްރޭޝަން، ބެގޭޖް ކަލެކްޝަން އަދި އެރައިވަލް ސަރވިސަސް ނުވަތަ ރާއްޖެ އައުމުގެ ކަންކަން ކުރިއަށްދާ ގޮތް ވަނީ އަމަލީގޮތުން ދައްކާލާފައެވެ.

އެއަރލައިނާއި އެއަރޕޯޓުގެ މުވައްޒަފުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މި ހަރަކާތުގެ ސަބަބުން، އާއިލާތަކަށް ހުރި ސުވާލުތައް ކުރުމުގެ ފުރުސަތު ލިބި، އެއަރޕޯޓުގެ މާހައުލަށް ހޭނުމަށް މަގުފަހިވި ކަމަށާއި މީގެ ސަބަބުން ދަތުރުކުރުމާ ގުޅިގެން އުފެދޭ ނުތަނަވަސްކަން ކުޑަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އެމިރޭޓްސް އިން ބުނެފައިވެއެވެ.

ދުނިޔޭގެ ފުރަތަމަ "އޯޓިޒަމް-ސަރޓިފައިޑް" އެއަރލައިންގެ ޝަރަފު ހޯދާފައިވާ އެމިރޭޓްސްއިން ބޭއްވި މި ހަރަކާތަކީ، އެންމެންނަށް ބައިވެރިވެވޭ ފަދަ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް އެ އެއަރލައިނުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

"ޓްރެވަލް ރިހާސަލް" ޕްރޮގްރާމްގެ އަމާޒަކީ، ނިއުރޯޑައިވަރސް ނުވަތަ ސިކުނޑީގެ ކުރިއެރުމުގައި ތަފާތުތައް ހުންނަ ފަރާތްތަކަށް، ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގައި އެއަރޕޯޓުގެ ހުރިހާ މަރުހަލާތަކެއް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމެވެ. 

އެމިރޭޓްސްއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ޖާބިރު މުހައްމަދު ވިދާޅުވީ، "ޓްރެވަލް ރިހާސަލް" މަޝްރޫއު ރާއްޖެއަށް ތައާރަފުކޮށް، ނިއުރޯޑައިވަރޖެންސް ހުންނަ ފަރާތްތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ނުތަނަވަސްކަން ކުޑަކޮށްދެވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ އެމިރޭޓްސްގެ ވިއުގަ ހިމެނޭ އެކި ގައުމުތަކުގައި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއްގައި ދަތުރުގެ ތަޖުރިބާ ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.