ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާކަން ރައްޔިތުންގެ މަޖިލީގައި ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރެއްވި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް ދޭ ފަރުވާގެ އެކި މަރުހަލާތައް މިހާރު ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގާއިމްކުރި، "1484" ހެލްޕްލައިނަށް ނަފްސާނީ އެހީތެރިކަމަށް އެދި 10،000 އަށް ވުރެ މީހުން މިދިޔަ އަހަރު އެކަނިވެސް ގުޅާފަވާކަމަށް ގީލާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން 45،000 މީހުން ޑޮކްޓަރަށް ދެއްކީ މާލެ ސަރަހައްދުން ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގައި ޚާއްޞަ މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ހޮސްޕިޓަލް އެޅުމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެތަން ވެގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދެވޭނެ މަރުކަޒަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިވަގުތު އައިޖީއެމްއެޗްގައި ހިންގަމުންދާ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ޖާގައިގެ ގޮތުން ކުޑަ ތަނެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ހިދުމަތް ހޯދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އެނދުމަތިކޮށްގެން ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައިކޭޓްރިސްޓުންގެ ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، ގދ. ތިނަދޫ، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިމެނެ އެވެ.